ހދ.ކުޅުދުއްފުށީ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ކުޅުދުއްފުށީ އުތުރު ބަނދަރުގައި އަޅާފައިއޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެެއް ހިނގުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރ މަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 10:20 ހާއިރު ލިބުމާއި އެކު ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރ މަނުން ހަރަކާތްތެރިވެ ރޯވި އަލިފާން ކޮންޓްރޯލް ކޮށްފައިވަނީ މިއަދު 10:40 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހދ.ނޭކުރެންދޫ އަށް ނިސްބަތްވާ މި ލޯންޗުގައި މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ލޯންޗުގައި ވެލްޑިންގ މަސައްކަތެއް ކުރުމުގެ ތެރޭގައި ލޯންޗުގެ އިންޖީނު ޕެޓްރޯލް ޓޭންކުގެ ހޮޅިއެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން މި ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.