އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ބޮޑު އީދުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ލަފާ ކޮށްފިއެވެ.

"ވަގުތު"އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ވިދާޅުވީ އޮގަސްޓް މަހަކީ އާންމުކޮށްވެސް ރާއްޖެއަށް ވިއްސާރަ ކުރާ މަހެއްކަމުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން މެދު ރާއްޖެތެރެއާއި އުތުރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އާދިއްތައާއި ހޯމަ ދުވަހު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާ ކޮށްފައި ވެއެވެ.

އެ އިދާރާއިން އިތުރަށް ވިދާޅުވީ ބޮޑު އީދާ ދިމާވާ ދުވަސްކޮޅު ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ބެލެވޭ ކަމަށެވެ. ފަހަރެއްގައި 40-45 އާ ދެމެދުވެސް ވިލާގަނޑުގައި ވައި ގަދަވެދާނެ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ގިނަ ބަޔަކު އީދޫ ޗުއްޓީއަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑުދަތުރު ކުރުންވެސް ގިނަވެގެން ދާނެ ކަމަށް ބެލެވެއެވެ.

ކުރިއަތް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރެވޭ ގޮތުގައި މެންދުރު ފަހު ރާއްޖޭ ގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ އެވެ.

ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، ހުރިހާ ހިސާބަކަށް ވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު