ޤައުމުތަކުގެ މެދުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން ދިމާވާ މައްސަކަތަކަށް ހައްލު ހޯދުމަށް ޞަރަހައްދުގެ ޤައުމުތަކުގެ މެދުގައި އެކުލަވާލާ އެއްބަސްވުމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް އިން އިސްނަގައިގެން ޤާއިމްކުރަން ހުށައަޅާފައިވާ މިއެއްބަސްވުމަކީ ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓަރ އޮން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް ޤާއިމުކުރުމުގެ ގޮތުން ވެވޭ އެއްބަސްވުމެއް ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ އެކި ޤައުމުތަކުގެ މެދުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން މި ޤައުމުތަކަށް ލިބޭ އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގެއްލުންތައް އިތުރުވަމުންދާތީ މިފަދަ ގެއްލުންތަކުން ރައްޔިތުންގެ ފުރާނައާއި އެހެނިހެން ޙައްޤުތަކާއި ޤައުމީ ބޮޑެތި މަސްލަހަތުތައް ހިމާޔަތްކުރުމުގެ މުހިންމުކަން ދަނެގަތުން ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

މިއެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ އުޞޫލުތަކާއި މި އެއްބަސްވުމުގައި ބައިވެރިވާ ޤައުމުތަކުގެ ޤާނޫނުތަކުގެ އަލީގައި އެއް ޤައުމުން އަނެއް ޤައުމުގެ އަމިއްލަވަންތަކަމާއި މިނިވަންކަމާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އިޙްތިރާމްކޮށް ޤައުމުތަކުގެ ދާޚިލީ ކަންތައްތަކަށް ބުރޫނާރާނެހެން، މިފަދަ ކުށްކުރުން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަންވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާ ކުރުމުގެ މުހިންމުކަން ދެނެގަތުމާއިއެކު، ކަމާގުޅޭގޮތުން ހެދިފައިވާ ބައިނަލްއަޤްވާމީ އެކިއެކި މުޢާހަދާތަކުގައިވާ ކަންތައްތައް ތަންފީޛުކުރާނެއެވެ.

އެ ގައުމުތަކުގެ މެދުގައި އެއްބަސްވެގެން ހިންގާ ބައިނަލްއަގުވާމީ އޮޕްރޭޝަންތައް ރާވާ ހިންގާ އަދި ވިލަރެސްކުރުމުގެ ގޮތުން ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓަރ އޮން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްގެ ނަމުގައި ސްރީލަންކާގައި ސެންޓަރެއް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށާއި، އެފަދަ ކުށްތަކާގުޅޭ މައުލޫމާތު އެއްކޮށް، ރައްކާތެރިކޮށް ބަލަހައްޓާ އަދި ބޭނުންޖެހިއްޖެ ހިނދެއްގައި އެފަދަ މައުލޫމާތު އެއް ގައުމުން އަނެއް ގައުމާއި ހިއްސާ ކުރެވޭކަން ސެންޓަރުން ކަށަވަރު ކުރާނެ ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިއެއްބަސްވުމުގެ ދަށުން ސެންޓަރެއް ގާއިމުކޮށް ހިންގަން ފެށުމަކީ ދިވެހިރާއްޖޭގައި ފުޅާވަމުން އަންނަ ކުށުގެ ވެށި ކޮންޓްރޯލްކޮށް، ދިވެހިރާއްޖޭގެ ސަރަހައްދުގައި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް، އިންސާފު ގާއިމުކޮށް، މިފަދަ ކުށްތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ އިޖުތިމާއީ، އިގްތިސާދީ އަދި އެހެނިހެން ގެއްލުންތައް ކުޑަކޮށް، ރައްޔިތުންގެ ފުރާނައާއި މުދާލާއި އެހެނިހެން ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތްކޮށް، ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ހަމަޖެހުން ގާއިމްކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއެއްބަސްވުމުގައި ސޮއިކުރާނީ ރާއްޖޭގެ އިތުރުން ބަނގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާ ސަރުކާރުގެ މެދުގައެވެ.