ސިނަމާލެ ބުރިޖާއި ގުޅިފައިވާ ހަލިމަގު (ހައިވޭގައި) ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު 14:08 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެއަށް ދަތުރު ކުރި ސައިކަލަކާއީ ކާރެއް ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ބުރިޖު ހަލިމަގު ނިމޭ ހިސާބުގައެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން 55 އަހަރުގެ ފިރިހެނަކަށާއި، ސައިކަލު ފަހަތުގައި އިން 52 އަހަރުގެ އަންހެނަކަށެވެ.

ފުލުހުން ވިދާޅުވީ، އަނިޔާވި ދެ މީހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާކަމަށެވެ. މި ދެ މީހުންނަށް މާބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ. ދެ މީހުންގެ ކަނޑު މަށައިގެން ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާވެފައެއް ނުވެއެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ދެ އުޅަނދު ދުއްވި މީހުންގެ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓް މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުން

    ދަބަރު ފޮހޭމީހުން ތިބެނީ ބެންޑް އިން ނިވާވެފަ. އެހިސާބުން ބާރަށް ގޮއްސިއްޔާ ވާނީ މިހެން، ކޯން އިން ނަށްޓަން ބަލާއިރު ކާރު ލޭން އަށް އަރަން ޖެހެނީ..