ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގ ފްރޮމް މީޑިއޭޝަން (ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަން) ގައި ދިވެހިރާއްޖެއިން މިއަދު ސޮއި ކޮށްފިއެވެ.

މި މުޢާހަދާގައި ސޮއިކުރުމަށް ޤައުމުތަކަށް ހުޅުވާލުމަށް މިއަދު ސިންގަޕޫރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން މި މުޢާހަދާގައި ސޮއިކުރެއްވީ އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު ކަމަށް އެޓަރނީ ޖެނެރަލް އޮފީހުން ވިދާޅުވެއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވީ މި މުޢާހަދާއަކީ މީޑިއޭޝަން މެދުވެރިކޮށް ނިންމާ ވިޔަފާރީގެ މައްސަލަތަކުން އުފެދޭ ބައިނަލްއަޤްވާމީ ސެޓްލްމަންޓް އެގްރީމަންޓުތައް، މުޢާހަދާގައި ބައިވެރިވާ ޤައުމުތަކުން ބަލައިގަނެ، އެ ޤައުމުތަކުގައި އެ އެއްބަސްވުންތައް ތަންފީޛުކުރުމުގައި ޤައުމުތަކުގެ މެދުގައި އެއް އުޞޫލުތަކަކާއި އިންތިޒާމްތަކެއް ޤާއިމުކުރުމަށް އެކުލަވާލެވިފައިވާ ބައިނަލްއަޤްވާމީ ޤާނޫނީ އޮނިގަނޑެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު މި މުޢާހަދާގައި ދިވެހިރާއްޖެއިން މިއަދު ސޮއިކުރިނަމަވެސް، މި މުޢާހަދާ ތަންފީޛުކުރުމަށްޓަކައި ކަމާބެހޭ ޤާނޫނެއް ބޭނުންވާތީ، އެ މަސައްކަތް އެޓަރނީ ޖެނެރަލް އޮފީހުން މިހާރު ފަށާފައިވާނެކަމާއި، އެ މުޢާހަދާ ތަންފީޛުކުރެވޭނީ އެ ޤާނޫނު ވުޖޫދަށް އައުމަށްފަހު، ފަހުގެ މަރުޙަލާއެއްގައި އެ މުޢާހަދާ ދިވެހިރާއްޖެއިން ތަޞްދީޤުކުރުމަށް ފަހު ކަމަށް ވެސް އެޓަރނީ ޖެނެރަލް އޮފީހުން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓްތަކަށް ރައްކާތެރި މާޙައުލެއް ޤާއިމްކުރުމާއި، ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަމާއި، ސިންގަޕޯރ ކޮންވެންޝަން އޮން މީޑިއޭޝަންގައި ދިވެހިރާއްޖެއިން ސޮއިކުރުން ވެގެންދާނީ، އެ އަމާޒަށް ވާސިލްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވިއެވެ.