ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ތެލެސީމިއާ ހުންނަ އަށް ފަރާތެއް ކައިރި ކައިރީގައި މަރުވުމަކީ އާދައިގެ ކަމެއް ކަމަށް ނުބަލާ މިކަން މެދުވެރިވި ސަބަބު ހޯދުމަށް މޯލްޑިވްސް ތެލެސީމިއާ ސޮއިސައިޓީ (އެމްޓީއެސް) އިން އެދިއްޖެއެވެ.

ތެލެސީމިއާ ސޮއިސައިޓީ އިން ނެރުނު ބަޔާނެއްގައި ބުނީ ތެލެސީމިއާ ހުންނަ މީހުން މަރުވި ސަބަބު ހޯދުމަކީ ތެލެސީމިއާ ހުންނަ މީހުންގެ ދިރިއުޅުމުގެ ޙައްޤު ރައްކާތެރިކޮށް ދުޅަހެޔޮ ސިއްހަތެއް ހޯދާދިނުމަށް ޤާނޫނުތަކުންނާއި ޤާނޫނު އަސާސީން ލާޒިމްވެސް ކުރާ ކަމެއް ކަމަށެވެ.

ތެލެސީމިއާ ހުންނަ ފަރާތްތަކަށް ދެވޭ ފަރުވާއަށް އެކަށީގެންވާ ބަދަލެއް މިހާތަނަށް އައިސްފައި ނެތް ކަމަށް ތެލެސީމިއާ ސޮސައިޓީގެ ބަޔާނުގައި ބުނެފައި ވެއެވެ. އެބަޔާނުގައި ވަނީ އެޖަމިއްޔާ އަށް ފާހަގަ ކުރެވޭ ބައެއް ކަންތައްތައް ވެސް ހާމަކޮށްފައެވެ.

އެގޮތުން ތެލެސީމިއާ ހުންނަ ފަރާތްތަކަށް ދެވޭ ފަރުވާ އުމުރާ ގުޅޭ ގޮތަށް ބަދަލު ކުރަމުން ނުދާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

"ހާއްސަ ގޮތެއްގައި ހެދިބޮޑުވުމާ، ދަރިމައިވުމުގެ ސިއްހަތުގެ ފަރުވާ ނުދެވޭކަން ފާހަގަ ކުރަމެވެ. މިހެންވުމުން ބޮޑެތިވެފައިވާ ގިނަ ތެލެސީމިއާ މީހުންނަށް އެކި ބާވަތުގެ ކޮންޕްލިކޭޝަންތަކާއި ކުރިމަތިލާން ޖެހެއެވެ. އަދި މިފަދަ ކޮމްޕްލިކޭޝަންތަކުގެ ސަބަބުން ފުރާނައަށް ނުރައްކާވެ އުމުރުގެ އެންމެ އުފެއްދުންތެރި ދުވަސްވަރު ދުނިޔެ ދޫކޮށް ދާކަން ކަންބޮޑުވުމާއި އެކު ފާހަގަ ކުރަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން ތެލެސީމިއާ ސެންޓަރުގައި ތެލެސީމިއާ ސްޕެޝަލިސްޓުން ނެތުމާއި ތެލެސީމިއާ ސެންޓަރާ އައިޖީއެމް އާއި ދެމެދު ރިފަރަލް ނިޒާމެއް ނެތުމާއި ތެލެސީމިއާ ޕޭޝަނުންނަށް ބޭނުންވާ ހާއްސަ ފަރުވާތައް ދެވޭފަދަ ސްޕެޝަލިސްޓުން މަދުކަން ވެސް ތެލެސީމިއާ ސޮސައިޓީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އަދި ތެލެސީމިއާ ސެންޓަރުގެ ޑޮކްޓަރުން އަވަސް އަވަހަށް ބަދަލުވުމާއި ފަރުވާދޭ އެކަށީގެންވާ ފަރާތްތައް މަދުކަމާއި ތެލެސީމިއާ ކުދިންނަށް ނަފްސާނީ ފަރުވާ ދެވޭނެ ގޮތެއް ހަމަޖެހިފައި ނެތްކަން ވެސް ތެލެސީމިއާ ސޮސައިޓީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އަތޮތެރެއާއި މާލޭގައި ދިރިއުޅޭ ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ ތަފާތު ކަމާއި ތެލެސީމިއާ ޕޭޝަންޓުންގެ ރެކޯޑްތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓެމުން ނުދާކަމަށް ވެސް ތެލެސީމިއާ ސޮސައިޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ތެލެސީމިއާ ސޮސައިޓީ އިން ބުނީ ރާއްޖެ އަކީ ތެލެސީމިއާ އަށް ސަރުކާރުން ގިނަ ޚަރަދުތަކެއް ކުރާ ގައުމެއް ކަމަށާއި ނަމަވެސް ކުރާ ޚަރަދުގެ ނަތީޖާ ނުފެންނާތީ ކަންބޮޑުވާ ކަމަށެވެ.