ކުރިއަށް އޮތް އަޟްޙާ ޢީދު ބަންދާދިމާކޮށް އަތޮޅުތަކުގެ ރަށްރަށް ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރާނެތީ މާލެއިން ފުރާ ކަނޑުއުޅަނދު ފަހަރު ބަލައިފާސްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުންގެ މެރިން ޕޮލިސް ޑިޕާޓްމަންޓުން އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އިއްޔެ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މީރު ބަހުރު ބަނދަރުން ފުރާ ބޯޓު ފަހަރާއި ބަނދަރުގައި އަޅާފައިވާ ބޯޓުތަކުގެ އިތުރުން މެރީ ބްރައުން ކުރިމަތީ ބަނދަރުން ފުރާ ފެރީތަކާއި ޓީޖެޓީ ސަރަޙައްދުގައިވާ ކަނޑު އުޅަނދުފަހަރުތަކުގައި ސަލާމަތީގޮތުން ރައްކާތެރި އަދި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންދާނެ ކަމަށެވެ.

މި އޮޕަރޭޝަނުގައި އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަ ކޮށްފައިވޭތޯއާއި އުޅަނދުތަކަށް މީހުން އަރުވަނީ ކަނޑައެޅިފައިވާ މިންވަރަށްތޯ ބަލައި ބަރުމަރުކާގެ މިންގަނޑާ އެއްގޮތަށް މުދާ އަރުވާތޯ ބަލައި ޗެކްކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެއިތުރުން ކަނޑު އުޅަނދުތަކުގެ ކެޕްޓަނުން އަތުގައި ލައިސަންސް އޮވޭތޯ ބަލައި ސަލާމަތީ ވަޞީލަތްތަކުގެ ޚާލަތު ބަލަމުންދާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނުގައި ފާހަގަކުރެވޭ ކަންކަން ރަނގަޅުކުރުމަށް ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންނަށް ނަސޭހަތްތެރިވެފައިވެއެވެ.