މާލޭ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަޝްރޫޢުގައި ކުރަންޖެހޭ މަސައްކަތްތައް 2.9 މިލިއަން ރުފިޔާ އަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް މި ސަރުކާރުގެ ފުރަތަމަ ދުވަހު ފެށިއެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތެއް ކުރަން ބަޔަކާއި މިހަވާލު ކުރެވުނީ ވެސް ސަރުކާރަށް އަށް މަހާއި 21 ވަނަ އަށްވީ ދުވަހު އެވެ.

މިމައްސައްކަތް ކުރުމަށް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖާއި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު އެއްބަސްވެ، އެ މަސައްކަތް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއި ކޮށްފައެވެ.

މި އެއްބސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މުޙައްމަދު ޠާރިޤެވެ. އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ އިބްރާހީމް މުއްޠަލިބެވެ.

އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ، 2,967,867.86 (ދެ މިލިއަން ނުވަ ލައްކަ ފަސްދޮޅަސް ހަތްހާސް އަށްސައްތަ ފަސްދޮޅަސް ހަތް ރުފިޔާ އަށްޑިހަ ހަ ލާރި) އަށެވެ. މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ކޮންޓްރެކްޓަރ އާއި ސައިޓް ހަވާލުކުރާ ތާރީޚުން ފެށިގެން 120 ދުވަހެވެ.

މި މަޝްރޫޢުގެ ދަށުން ކޮންޓްރެކްޓަރާއި ހަވާލުކުރެވިފައިވަނީ މިސްކިތް ބެހެއްޓުމަށް ކުރަންޖެހޭ ސިވިލް މަސައްކަތްތައް ކުރުމަށ ކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ، މިސްކިތާއި ހަރިންމަ ފާރު އަދި ވަޅުގެ ފައުންޑޭޝަން އެޅުމާއި، މިސްކިތް ބަހައްޓާ ސަރަޙައްދުގެ ވަށާ ފާރު ރޭނުމާއި، މިސްކިތް ބަހައްޓާ ސަރަޙައްދުގެ ލޭންޑްސްކޭޕިންގ ގެ މަސައްކަތްތައް ކުރުން އަދި ލޭންޑްސްކޭޕް ޕްލޭންގައި ވާގޮތަށް ކޮންކްރީޓް ޕޭވްމަންޓް އެޅުމާއި އައުޓްޑޯރ އެގްޒިބިޝަން އެރީއާ ތައްޔާރުކުރުމެވެ. މީގެ އިތުރުން ކަރަންޓު ވައިރު ކުރުމާއި، ލޭންޑްސްކޭޕާއި މިސްކިތުގެ ބޮކި ހަރުކުރުން އަދި ޕްލަމްބިންގ މަސައްކަތްތަކާއި، އަލިފާންނިއްވާ އާލާތްތައް ހަރުކުރުމުގެ އިތުރުން ކުލަ އާއި ދޮންވެލިލުންވެސް މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ އަމަލީ މަސައްކަތްތައް ކުރާނީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އިން މި މަސައްކަތް ކުރުމަށް ޚާއްސަކޮށް އެކުލަވާލާފައިވާ ޕްރޮޖެކްޓް ޓީމުންނެވެ. މިސްކިތުގައި ހަލާކުވެގެން ބަދަލުކުރަން ޖެހޭ ބައިތައް (މިސާލަކަށް: ފުރާޅުގެ މަތިވަޑާންގަނޑު) ހަދާނީ މި ޓީމުގެ ވަޑިން ކަމަށާއި އަދި މިސްކިތުގެ ބައިތަކުގެ (ހިރިގަލާ، ލަކުޑި އަދި ލިޔެލާޖަހާފައިވާ ބައިތައް) އާބާތުރަފިލުވުމުގެ މަސައްކަތް ކުރާނީ މި ޓީމުގެ ކޮންޒަރވޭޝަން އޮފިސަރުން ކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  މި މިސްކިތް މިހާރު ބަހައްޓަން ނިންމާފައިވަނީ ކޮންތާކުތޯ

 2. ދޮންތަކުރުފާނު

  މި މިސްކިތް މިހާރު ބަހައްޓަން ނިންމާފައިވަނީ ކޮންތާކުތޯ

 3. Anonymous

  ރައްޔިތުންނަށް ފައިދާނުވާނެ ކަންތައްތަކަށް ރައްޔިތުންގެ ފައިސާތައް މިލިޔަންމިލިޔަނުން ހޭދަކުރަމުންދާތަން މިފެންނަނީ، ހަމައެކަނި ތިމެންނަމެން ފައިދާދޭން ބޭނުންވާބަޔަކަށް ފައިސާފުންޏެއް ދޭންވެގެން، މިފަދަ ޖަރީމާތައް ސަރުކާރުން ހިންގަމުންދާއިރުވެސް ރައްޔިތުން ބަލަންތިބެންވީތަ؟؟؟

  23
 4. އަހްމަދު

  މިމަސައްކަތް މިއަހަރުގެ ބަޖެޓްގައި ހިމަނާފައެއްނެތް. އެހެންކަމުން ސޮއިކުރިއަސް ކޮންޓްރެކްޓަރ އާ މަސައްކަތް ހަވާލުކުރެވޭނީ އަންނައަހަރު.

  13
 5. ލަބީބު

  ކުރިން ހުރި ތަނުގައި ބަހައްޓާފިއްޔާތާ ކަމެއް ވީކަމަކީ؟ ކުރީ ސަރުކާރުންވެސް ނިންމާފަ އޮތީ އެހެންތަނެއްގައި އެ މިސްކިތް އަލުން ރާވަން.

  14