ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އަށް 3000 މެމްބަރުން ހަމަވެއްހެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ޑީއާރުޕީގެ ލީޑަރަށް ފޮނުއްވި ސިޓީއެއްގައި ވަނީ އިލެކްޝަން ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުގައި އެޕާޓީއަށް މިހާރު 3000 މެންބަރުން ހަމަވެފައިވާ ކަމަށެވެ.

މިހާރު މޫކައި ހޮޓެލްގައި ކުރިއަށް ދާ ޑީއާރުޕީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖާބިރު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ޑީއާރުޕީއަށް 3000 މެންބަރުން ހަމަ ކުރަން މުއްދަތެއް ދިން ކަމަށާއި އެމުއްދަތު ތެރޭ މެންބަރުން ހަމަ ނުވެއްޖެ ނަމަ ޕާޓީ އުވާލާނެ ކަމަށް ބުނި ވިދާޅުވި ކަމަށެވެ.

"އަޅުގަނޑު މިހާރު ތިޔަ ބޭފުޅުނާއި މި ބައްދަލު ކުރަނީ ނުހަނު އުފާވެރިކަމާއި އެކު މިހާރު ޑީއާރުޕީ އަކީ 3000 މެންބަރުންގެ ޕާޓީއެއް " ޖާބިރު ވިދާޅުވިއެވެ.

ލީޑަރޝިޕާއި ހަވާލުވުމަށް ފަހު ބަލިކަށިވެފައި އޮތް ޑީއާރުޕީ އަށް މެމްބަރުން އިތުރުކޮށް އަލުން ވުޖޫދު ކުރަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުންނަށް އުފާވެރިކަން ހޯދައި ދެއްވަން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޑީއާރުޕީ މިހާތަނަށް ސިޔާސީ މަސައްކަތް ކުރަމުން އައީ ޕީޕީއެމާއި ޕީއެންސީއާ ގުޅިގެންނެވެ. ދެން ވެސް ޑީއާރުޕީ އޮންނާނީ އެ ކޯލިޝަންގެ ތެރޭގައިތޯ ދެންނެވުމުން ޖާބިރު ވިދާޅުވީ އެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އިދިކޮޅުގައި މަސައްކަތް ކުރިއަސް ޑީއާރުޕީ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަސް އަހަރު ނުދީ ވެރިކަން ވައްޓާލާނެ ޕާޓީއެއް ނޫނެވެ. ޒިންމާދާރު ކުރުވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.