ޗުއްޓީއަށް ރާއްޖެ އާއި ރާއްޖޭން ބޭރަށް ގިނަ ބަޔަކު ދަތުރުކުރާނެތީ ދުރާލާ ޗެކިން ވާން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެދިއްޖެއެވެ.

އެމްއޭސީއެލް އިން މިގޮތަށް އެދިފައި ވަނީ، އާއްމުކޮށް ޗުއްޓީ ދުވަސްވަރަކީ އެ އެއާޕޯޓްގައިވެސް ބާރުބޮޑު ދުވަސްވަރަކަށްވާނެތީ އާއި އަދި ބައެއް ފަސެންޖަރުން ފަހު ވަގުތު ޗެކިންވުމަށް އަންނާތީ ބައެއް ފްލައިޓްތައް ފުރުން ލަސްވެދާނެކަމަށް ބަލައެވެ.

އިންޓަނޭޝަލް ފްލައިޓްތަކުން އާއްމުކޮށް ފަސެންޖަރުންނަށް އަންގާފައި އޮންނަނީ ފްލައިޓް ފުރުމުގެ ތިން ގަޑިއިރު ކުރިން ޗެކިންގވުމަށެވެ. އަދި ޑޮމެސްޓިކް ފްލައިޓްތަކުން ފަސެންޖަރުންނަށް އަންގާފައި އޮންނަނީ ފްލައިޓް ފުރުމުގެ ދެ ގަޑިއިރު ކުރިން ޗެކިންގވުމަށެވެ.

އެމްއޭސީއެލް އިން ބުނީ ޗުއްޓީއާ ދިމާކޮށް އިންޓަނޭޝަނަލް ޓާމިނަލް އާއި ޑޮމެސްޓިކް ޓާމިނަލްއަށް ވެސް ބާރު ބޮޑުވާނެ ތީ ދުރާލާ ޗެކިންގ ވުމަށް އެދޭ ކަމަށެވެ.

ބޮޑު އީދާއި ދިމާކޮށް އާއްމުކޮށް ޗުއްޓީއަށް ވަރަށް ގިނަ ފަރާތްތަކުން އަތޮޅުތެރެއަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރަމުންދާ ދުވަސްވަރެއްކަން ފާހަގަކޮށްލަން ޖެހެއެވެ.