އއ. ހިމަންދޫގައި ކުޑަ ކުދިންގެ ޕާކެއް ހެދުމަށް ހަމަޖެހިފައި ވާއިރު، އެ ޕާކު ހެދުމަށް ފައިސާގެ އެހީތެރި ކަމެއް މިއަދު އެރަށު ކައުންސިލާއި މިނިސްޓްރީ އޮފް ހޯމް އެފެއާސް އިން ހަވާލު ކުރައްވައިފިއެވެ.

ފައިސާ ހަވާލު ކުރުމަށް ހޯމް މިނިސްޓްރީ ގައި މިއަދު ބޭއްވި ބައްދަލު ވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓާރ އަލީ ނަޛީރު އެވެ. އަދި ހިމަންދޫ ކައުންސިލްގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރައްވާފައި ވަނީ އެރަށު ކައުންސިލްގެ ރައީސް ޒައިނަލް އިބާދު އެވެ.

ހޯމް މިނިސްޓްރީން ރަށްތަކަށް ހުޅުވާލާފައިވާ އެހީތެރި ކަމުގެ ޕްރޮގްރާމްގެ ދަށުން އެ މިނިސްޓްރީ އިން މިއަދު ހިމަންދޫ ކައުންސިލާއި ހަވާލު ކުރައްވާފައި ވަނީ 3 ލައްކަ ރުފިޔާއެވެ. އެ ރަށުގައި ޕާކު އެޅުމުގެ ޕްރޮޖެކްޓަށް ޖުމްލަ 8 ލައްކަ ރުފިޔާ ހަރަދު ވާނޭ ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދޭ އިރު، ބާކީ އޮތް ފައިސާ ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ޒައިނަލް އިބާދު މައުލޫމާތު ދެއްވިއެވެ.

"އެކި ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅައިގެން މި ޕްރޮޖެކުޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އިރާދަ ކުރެއްވިއްޔާ މި ޕާކުގެ ބިންގާ ވަރަށް އަވަހަށް އެޅިގެން ދާނެ" ޒައިނަލް ވިދާޅުވިއެވެ.

ހިމަންދޫގެ ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިތްހަމަ ޖައްސާލައި ހަވީރު ފިންޏަށް ދާނޭ ފަދަ ޕާކެއްވެސް މިވަގުތު އެ ރަށުގައި ނެތް އިރު، މި ޕާކު އެޅުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބިގެން ދާނޭ ކަމަށް ޒައިނަލް ގަބޫލު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަލީ

    ޝުކުރިއްޔާ ކައުންސިލް ރައީސް ތީ ރައްޔިތުންދެކެ ލޯބިވާ ވެރިންނަކީ

  2. ސިދާ

    ހިމަންދޫ އެކަނިތޯ އޮތީ ފައިސާދޭން. އެހެން ރައްތަކުގެ ރައްޔިތުންނައް އޮތީ ކޮންކަމެއްބާ

    2
    1
  3. ދިވެހިންނޯ

    ކޮންއިރަކުތަ ހޯމް މިނިސްޓްރީން ޕާކު ހަދަން ފައިސާބަހާ ގާނޫނެއް ފާސްކުރީ. އޭސީސީ މިކޮން ކަމެއްހޭ.

    1
    2