ކ. ހުރާގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކާއި ގަދަކަމުން ބެހުނު ފިރިހެން މީހާ ފުލުހުންގެ ބަންދުން ދޫކޮށްލުމުން އެ ކުއްޖާގެ އާއިލާގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ މައްސަލައައި ގުޅިގެން ހައްޔަރު ކުރި މީހާ ދޫކޮށްލީ ކ. ހުރާ މެޖިސްޓްރޭޓް ކޯޓުންނެވެ. އެ މީހާ ކޯޓުން ދޫކޮށްލާފައިވަނީ އިއްޔެއެވެ. އެ މީހާ އިއްޔެ ދޫކޮށްލުމާއި ގުޅިގެން އެރަށުގައި މިހާރު އުޅެމުންދާއިރު، އަނެއްކާވެސް އެފަދަ ކަމެއް ތަކުރާރު ވެދާނެތީ އެ ކުއްޖާގެ އާއިލާއިން ވަނީ ކަންބޮޑުވެފައެވެ.

އެ ކުއްޖާގެ އާއިލާގެ ފަރާތުން "ވަގުތު"އަށް މައުލޫމާތުދެމުން ކުއްޖާގެ ބައްޕަ ބުނީ، މިދިޔަ އަހަރު ނޮވެމްބަރު މަސް ތެރޭގައި އޭނާގެ އަންހެން ދަރިފުޅާއި ގަދަކަމުން ބެހުން އުޅުނު މީހާ އިއްޔެ ދޫކޮށްލުމާއި ގުޅިގެން އެކަމާއި ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލައަކީ ޑޮކްޓަރުގެ ރިޕޯޓުންވެސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަން ސާބިތު ކުރެވޭ ވަރަށް ހެކި ހުރި މައްސަލައެއް ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

"ޑޮކްޓަރުގެ ރިޕޯޓްވެސް އަޅުގަނޑުމެންނާއި ހިއްސާކުރި، އަދި ވަކީލުވެސް އަޅުގަނޑުމެން ކައިރީގައި ބުނި މި ރިޕޯޓްގައި މިގޮތަށް އޮއްވާ އޭނާ ދުލެއް ނުވާނެއޭ. އޭނާ ދޫވެގެން ރަށަށް އެއީ އަޅުގަނޑުމެން މި ތިބެން ޖެހެނީ ބިރުގަނެފައި"، އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އޭނާ އެ ހުރީ ޖަލުގައެވެ. ކޯޓުން އޭނާ ދޫކޮށްލީ ކީއްވެގެންކަން ސާފް ވެފައެއް ނުވެއެވެ.

އާއިލާއިން ބުނީ، މިހާރު އެ މައްސަލަ ނިމިފައިވާކަމަށެވެ. އަދި އެ މައްސަލަ އެ އަށްވުރެ މަތީ ކޯޓަކަށް ހުށަހަޅަން ގަސްތު ކުރާކަމަށް އޭނާ ބުންޏެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ އެރަށު މީހަކާއި އިނދެގެން އުޅޭ އެރަށް ކައިރި ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އޭނާ މި ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މޫދަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

އަދި އެ މައްސަލަ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށްވެސް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮގުބާ

    ފަޅާނުލާތި އަނެއް ފަހަރު