ހައިކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުގެ މައްސަލައެއް ބަލަމުންދާ ކަމަށް ޖުޑީސަލް ސާރވިސް ކޮމިޝަން (ޖޭއެސްއީ) ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ޝަހީދުގެ މައްސަލައެއް ޖޭއެސްސީން ބެލުމަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލަވުމެއްގައެވެ.

ހައިކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުއާ ބެހޭގޮތުން ޖޭއެސްސީއަށް ހުށަހެޅިފައިވާ މައްްސަލައެއް ބެލުމަށް ނިންމިކަން ހާމަކުރި ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ޖޭއެސްސީ އިން ހާމަކޮށްފައެއް ނުވެއެވެ. އެހެންވެ ޝަހީދު އާއި ގުޅޭގޮތުން ބަލަމުން ދަނީ ކޮން ކަހަލަ މައްސަލައެއްކަން ނޭގެއެވެ.

ފަނޑިޔާރު ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާފައި ވަނީ، މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށެވެ.

ޖޭއެސްސީ އިން މިހާރު ވެސް ގެންދަނީ ވަރަށް ގިނަ ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންނެވެ.

ޤާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ފަނޑިޔާރުންނާއި ބޭހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާއިމެދު އަޅާންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ ޖޭއެސްސީގެ ޒިންމާއެކެވެ.