އެސްއޯއެފާއި އެމްއެޕްޕީއާރުސީގެ މުއާމާލާތްތައް ރާއްޖޭގައި ހިނގައި ދިޔަ ސިޔާސީ ބޮޑެތި ކަންތައްތަކާއި ގުޅިގެން އިތުރުވެފައިވާ ކަމަށް ވިދާޅުވެ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔާ އާތިފް ޝަކޫރު މިއަދު ރައްޔިތުން މަޖިލީހުގެ ކޮމެޓީއެއްގައި އާވަހަކަތަކެއް ތިލަ ކުރައްވައިފިއެވެ.

މީގެ ކުރިން މީޑިއާގައި ދެކެވިފައި ނެތް އެވާހަކަ ހާމަކުރައްވަމުން އާތިފް ވިދާޅުވީ ކާނަލް ނާޒިމް ހައްޔަރު ކުރި ދުވަސްވަރާއި މޭ ޑޭ އެއްވުމާއި ކުރީގެ ރައީސް ނަޝީދުގެ ޝަރީޢަތް ކުރިއަށް ދިޔަ ދުވަސްވަރު އެސްއޯއެފް އާއި އެމްއެމްޕީއާރްސީގެ މުއާމަލާތްތައް އިތުރުވެފައިވާ ކަމަށެވެ.

"މިއީ ކާނަލް ނާޒިމް ހައްޔަރު ކުރެވިގެން ދިޔަ ދުވަސް، މިއީ މޭ އެއްވުމުގެ (2015 މޭޑޭ މުޒާހަރާ) ގެ ކަންތައްތައް ހިނގަމުން ދިޔަ ދުވަސްވަރު، މިއީ މިއަދުގެ މަޖިލިސްގެ ރައީސް (ނަޝީދު) ހައްޔަރުކުރެވި އަވަސްކޮށް ޝަރީއަތް ކުރެވި ބަންދުކުރެވިގެން ދިޔަ ދުވަސް،" އާތިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަންތައްތައް އެގޮތަށް ހިނގަމުން ދާތީ އެ ވާހަކަތައް އޭރުގެ ގަވަރުނަރު އަޒީމާ އަށް ދަންނަވަމުން ގެންދެވި ކަމަށާއި މަދުވެގެން ހަތަރު ފަހަރު އެފަދަ މައްސަލަތައް އޭނާއާ ހަމައަށް ގެންދެވި ކަމަށެވެ.

އެފަދަ މައްސަލަތައް އަޒީމާ އަށް ހުށަހެޅުއްވި ބައެއް މީޓީންތަކުގައި އެފްއައިޔޫގެ ވެރިޔަކަށް ފަހުން ވަޑައިގެންނެވި އަބްދުﷲ އަޝްރަފާއި އެމްއެމްއޭގެ އެސިސްޓެންޓް ގަވަނަރު ނީޒާ އިމާދު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އާތިފް ވިދާޅުވި އެވެ.

"އަނެއްކޮޅުން އަޅުގަނޑު ބަލާފައި ގޮސް އެބަ ދަންނަވަން މިވަރުގެ ކަންތައްތަކެކޭ މިހިނގަނީ، އެއްފަހަރަކު ނޫން ދެ ފަހަރަކު ނޫން، މަދުވެގެން ހަތަރު ފަހަރު، ގަވަރުނަރަށް ދެންނެވިން،" އޭނާ ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ އެމައްސަލަތައް ފުލުހުންނަށް ހުށަހަޅަން މަސައްކަތް ކުރެއްވުމުން އެކަމަށް ހުސް އެޅުއްވީ އަޒީމާ ކަމަށެވެ. އާތިފް އެފަދަ ތުހުމަތެއް އަޒީމާގެ މައްޗަށް ކުރެއްވި ނަމަވެސް އާތިފް އޭރު ހުންނެވި މަގާމަށް ބަލާއިރު ޝައްކު ކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރަން އަޒީމާގެ ވެސް އަދި އެމްއެމްއޭގެ އެހެން ވެރިއެއްގެ ހުދައެއް ވެސް އާތިފަށް ބޭނުމެއް ނުވެއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި އާތިފްގެ މައްޗަށް ދައުވާ ކުރަން އޭސީސީ އިން ޕީޖީގައި ކުރިން އެދުނެވެ. ނަމަވެސް ޕީޖީ އިން ވަނީ އެމައްސަލަ ފުލުހުން މެދުވެރިކޮށް އަލުން ތަޙްޤީޤު ކުރުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަން

    އިބޫގެ އއކައުންޓަށް4.2 މިލިޔަން ޔޫރޯ ޖަމާވިއިރު އާތިފް ނިދާފަތަ. ގުޅިގެން ވައްކަން ކުރަނީދޯ. ރަގަޅު. އެކަކު އަނެކަކަށް އެހީވާން ޖެހޭނެ.

    33
    1
  2. ތެދު

    ތިޔަމަގާމުގަހުރެ ޕޮލިހަށްނާންގާހުރެފަ މިހާރު ކުއްލިއަކަށް..؟! އެނެއްކާ ޖަމާވީތަ..؟!

  3. ވަހީދު

    ބޯދަމައިގަތުން ދެއްތޯ؟