ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ކުރަން ފަށާފައިވާ ވިއްސާރައިގެ ސަބަބުން، ކުރިޔަށް އޮތް އަޟްހާ ޢީދު ދުވަސްވަރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވިއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް ނެރެފައިވާ މަޢުލޫމާތަށް ބަލާއިރު، ކުރިޔަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެއެވެ. އަދި ރާއްޖެ ސަރަޙައްދުގައި މިހާރު އުފެދިފައިވާ ވިއްސާރަވިލާތަކުގެ އަސަރު ކުރިޔަށް އޮތް ދުވަސްތަކަށް ދެމިގެން ގޮސްދާނެ ކަމަށްވެސް ބެލެވިފައި ވެއެވެ.

މިއަހަރުގެ އަޟްހާ ޢީދު، އަންނަ އާދީއްތަވާ 11 ވަނަ ދުވަހު ފާހަގަކުރާއިރު، ޢީދު ދުވަހު، ޚާއްސަކޮށް ރާއްޖޭގެ އުތުރާއި މެދުތެރެޔަށް ވިއްސާރަވެ މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ. މީގެ އިތުރުން މި ސަރަޙައްދުތަކަށް ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ވަނީ ބެލެވިފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ފާއިތުވެދިޔަ ދެ ދުވަހު ވިއްސާރަ ކުރަމުންދާއިރު، އެންމެ ބޮޑަށް ވިއްސާރައިގެ އަސަރުކޮށްފައި ވަނީވެސް އުތުރާއި މެދުތެރޭގެ ސަރަޙައްދުތަކަށެވެ. ނަމަވެސް ދެކުނުގެ ބައެއް އަތޮޅުތަކަށްވެސް ވިއްސާރަވެ ބޯކޮށް ވާރޭ ވެހިފައި ވެއެވެ.

ކުރިޔަށް އޮތް ވަގުތުތަކުގައި މޫސުން ލަފާކުރާގޮތް ހާމަކޮށް ރޭ މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި އިރުދެކުނާއި ދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން، ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާއިރު، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

އީދު ދުވަސްވަރާއި ދިމާކޮށް ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވިފައިވާއިރު، މި ދުވަސްވަރަކީ އީދު ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ކަނޑުދަތުރުކުރާ ދުވަސްވަރެކެވެ. މިކަމާއި ގުޅިގެން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

މިއަހަރުގެ އަޟްހާ ޢީދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ވިއްސާރަކުރާނެ ކަމަށް ބެލެވިފައިވާއިރު، ނިމިގެންދިޔަ ފިތުރު ޢީދުވެސް ވެގެން ދިޔައީ "ފެން އީދަކަ"ށެވެ. އެގޮތުން އެ އީދުވެސް ދިމާވީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކޮށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިއްސާރަ ދުވަސްވަރަކާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިގަނި

    އެހެންތަ މޫސުން ރަގަޅުވާނެ

  2. އަލިި

    އަލް ހަމުދުލިއްލާހި

    6
    4
  3. އަން

    ޅ ހިންނަވަރަށް އީދުބަންދުގައި ބޯކޮށް ވާރޭ ވެހިއްޖެއްޔާ ކިތައްމެހާވެސް ރަގަޅު. އަނިޔާވެރި ސަރުކާރު

    6
    11
  4. .،މޖނޖބ

    ފާހިސް ކުޅިވަރު ތަަޢް ބަންދު ވާށި.........