އިއްތިހާދުން ބޮއިންގް 787 ޑްރީމްލައިނާގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެ އެވެ.

މި ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ އޮކްޓޯބަރ 27 އިން އަންނަ އަހަރުގެ އޭޕްރިލް 30 އަށެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު ޔޫއޭއީގެ އަބޫދާބީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

އިއްތިހާދު އެއާވޭސް އަކީ ދުނިޔޭގެ އެންމެ ލަގްޒަރީ އެއް އެއާލައިނެވެ. މުޅި ދުނިޔޭގައި ވެސް އެންމެ ލަގްޒަރީ ޚިދުމަތް ދޭ މަތިންދާބޯޓްތަކުގެ ތެރޭގައި ޑްރީމްލައިނާ ހިމެނެއެވެ. އެގޮތުން 30 ސީޓު އެނދު ހުންނައިރު ކެއުން ވެސް ފައިވް ސްޓާ ފެންވަރުގައި ލިބޭނެއެވެ.

މިއެއާލައިނަށް ބަލާއިރު ދަތުރުކުރާ ހުރިހާ ފަރާތްތަކަށް ދަތުރުމަތީ ފޯނަށް އިންޓަނެޓް ލިބޭނެއެވެ. އަދި އިށީދެގެން ހުންނަ ގޮޑި ކުރިމަތީ 11.1 އިންޗް ޓީވީއެއް ސެޓެލައިޓް ހަތް ޗެނަލާއެކު ލިބިގެންދާނެއެވެ.

މި އެއާލައިނުގެ ދަތުރުތައް ރާއްޖެ ފިޔަވާ އެހެން ގައުމުތަކަށްވެސް ކުރަން ވަނީ ނިންމާފައެވެ. އެގޮތުން ޔޫއޭއީގެ އަބޫދާބީން އިންޑޮނޭޝިއާގެ ޖަކާޓާ ހިމެނެއެވެ.

ދާދި ފަހުން ސިންގަޕޫރު އެއާލައިނުން ވެސް ވަނީ އެ އެއާލައިނުގެ ޑްރީމްލައިނާގެ ދަތުރުތައް ރާއްޖެއަށް ފަށައިފައެވެ.

Etihad to fly Dreamliner to Indonesia, Maldives