ކުރިއަށް އޮތް އީދު ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ފަރާތްތަކުން މާލެއިން ބޭރަށް ފުރާނެތީ އެ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް އެމްޕީއެލް އާއި އެމްޓީސީސީ އިން ދޭ ބަހުގެ ހިދުމަތުގެ ވަގުތުތައް އަވަސްކޮށް ބަސް ދަތުރުތައް އިތުރުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައިވަނީ ޗުއްޓީއާ ދިމާކޮށް ކޮންމެ 30 މިނިޓުން މާލެ އާއި ހުޅުލެ އާއި ދެމެދު އެމްޕީއެލް އިން ދޭ ބަހުގެ ހިދުމަތް ދޭނެ ކަމަށެވެ. އަދި މާލޭގެ ތިން ބަސް ސްޓޮޕަށް ވެސް އެއާޕޯޓު ބަސް މަޑުކޮށް ދާގީނާ އާއި ފަސިންޖަރުން އަރުވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ ކުރިން ބަސް ދަތުރުތަށް އޮންނަނީ ކޮންމެ އެއްގަޑި އިރުންނެވެ.

ހުޅުމާލޭގެ އެތެރޭގައްޔާއި ހުޅުލެ އާއި ހުޅުމާލެއާ ދެމެދު އެމްޓީސީސީންދޭ ބަހުގެ ހިދުމަތް ވެސް މިހާރަށް ވުރެ އިތުރުކުރުމަށް ވަނީ ނިންމައިފައެވެ.

އެގޮތުން އެމްޓީސީސީން ބުނެފައިވަނީ ކުރިއަށް އޮތް ބަންދު ތެރޭގައި ހުޅުމާލެ އާއި އެއާޕޯޓާ ދެމެދުގެ ބަސްދަތުރުތައް ޕީކް ގަޑިތަކުގައި އިތުރުކުރެވިފައިވާނެ ކަމަށެވެ. އަދި ހުޅުމާލެ ނެއިބަރހުޑް ބަހުގައި ކަސްޓަމަރުންނަށް ލަގޭޖް ގެންދިއުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައި ކަމަށެވެ.