ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓުމެންޓުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ކޮސްޓަރިކާ އަންހެނަކާއި 42 އަހަރުގެ ސިންގަޕޫރު ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ދެމީހުންގެ ތެރެއިން 35 އަހަރުގެ ކޮސްޓަރިކާ އަންހެން މީހާއަކީ އޮގަސްޓް 07 ވަނަ ދުވަހުގެ 16:26 ހާއިރު ދޯހާއިން ރާއްޖެ އައި ފްލައިޓަކުން އައި މީހެއްކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. އަދި މިމީހާ ހައްޔަރު ކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އޭނާގެ ލަގެޖް ސްކޭންކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ހަތަރު ރަބަރު ގަނޑާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކޮތަޅެއް ފެނުމާ ގުޅިގެންނެވެ. އެތަކެތީގެ ވަގުތީ ބަރުދަން 2 ކިލޯއަށްވުރެ ބަރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ 42 އަހަރުގެ ސިންގަޕޫރު މީހާ ހައްޔަރު ކޮށްފައިވަނީ މިމައްސަލައާ ގުޅުންހުރިކަމަށް ތުހުމަތުކުރެވިގެން، އޮގަސްޓް 07 ވަނަ ދުވަހުގެ 22:35 ހާއިރު ހިންގި އޮޕަރޭޝަންގައި ހުޅުމާލެ ގެސްޓް ހައުސްއެއްގެ ތެރެއިން ކަމަށެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ މިހާރު ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.