ރާއްޖޭގެ ގިނަ ސުކޫލުތައް އަންނަ އަހަރުން ފެށިގެން އެއްދަންފަޅިއަށް ބަދަލު ކުރެވިގެންދާނެ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި މިނިސްޓަރ ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ގިނަ ސުކޫލްތައް އެއްދަންފަޅިއަށް ބަދަލު ކުރެވިގެން ކުރިއަށްދާ ކަމަށާއި، ނަމަވެސް އެ ސުކޫލުތަކުގައި ދެވެމުންދަނީ ވަށާޖެހޭ ތައުލީމުކަން ޔަޤީންކުރަންޖެހޭ ކަމަށެވެ.

"ވަށާޖެހޭ ތައުލީމީ ނިޒާމެއް ބައްޓަން ކުރުމަށްޓަކައި މިހާރުވެސް ރާއްޖޭގެ 22 ސުކޫލެއްގައި ޕައިލޮޓް ޕްރޮގްރާމެއް ކުރިއަށް އެބަދޭ. މި ޕްރޮގްރާމް ކުރިއަށްދާ ސުކޫލުތަކުން ހެޔޮ ބަދަލުތަކެއް ފެންނަ ކަމަށް މިނިސްޓްރީއަށް މައުލޫމާތު ލިބެމުން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ޕްރޮގުރާމުގެ ސަބަބުން ކުދިންގެ އަޙްލާގަށްވެސް ހެޔޮ ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން ތައުލީމު ދޭއިރު ދަރިވަރުންނަށް އަޅުގަނޑުމެން ދަސްކޮށްދޭނެ ކަރިކިއުލަމްގަ އެ އޮންނަ ކޮންޓެންޓް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސުކޫލުތައް ވަށާޖެހޭ ތައުލީމަށް ބަދަލު ނުކުރެވުނީ ބަޖެޓާއި އެފަދަ ކަންކަމަށް ރިއާޔަތް ކުރަންޖެހޭތީ، ނަމަވެސް އަންނަ އަހަރު އެދެވޭ ހެޔޮ ބަދަލުތަކާއެކު މި މަޝްރޫއު ފެށިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުޖުތަމައުގަ އުޅޭއިރު ރަނގަޅު އިންސާނަކަށް އޭނާ ހެދުމަށްޓަކައި ބޭނުންވާ ހުނަރުތައްވެސް ސްކޫލު ތެރޭގައި ދަސްކޮށްދެވޭނެ ކަމަށެވެ. އަދި ކުޅިވަރުގެ ހަރަކާތްތަކާއި ކްލަބް ޖަމިއްޔާތަކުގެ މަސައްކަތްތަކާ މިކަންކަން ސުކޫލުގެ ދުވަހުގެ ތެރޭގައި ދަރިވަރަށް ދަސްކޮށްދެވޭނެ ކަމަށެވެ.

ވަށާޖެހޭ ތައުލީމީ ނިޒާމެއްގެ ދަށުން ސުކޫލުތައް އެއް ދަންފަޅިއަށް ބަދަލު ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާއިރު، މިނިސްޓަރ އިތުރަށް ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިންގޭ ޕްރޮގްރާމްތަކަށް އިންކްލޫސިވް އެޑިއުކޭޝަން ކޯޗުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަަމަށެވެ.