މާލެ ސަރަހައްދުގައި ޓްކްސީ ދަތުރަކުގެ އަގުތައް އިއްޔެ ހެޔޮކުރުމާއި، ގުޅިގެން ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ހުށަހަޅާފައި ވަނީ އެންމެ މައްސަލައެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިހާތަނަށް ޓެކްސީގެ އަގާއި ގުޅޭގޮތުން ހުށައަޅާފައިވަނީ އެންމެ މައްސަލައެއް ކަމަށެވެ. އަދި އެކަން ބަލަމުންދާކަމަށްވެސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ޓެކްސީ އަގުތައް ހެޔޮކުރުމާއި ގުޅިގެން ބައެއް ޓެކްސީ ޑްރައިވަރުން މަސައްކަތަށް ނުކުމެފައެއް ނުވެއެވެ. އެއްބަޔަކު ދަނީ އިހުތިޖާޖު ކުރަމުންނެވެ. އަދި ބައެއް ޓެކްސީ ޑްރައިވަރުން ދަނީ ކުރިން ކުރަމުން އައި އަގަށް ޓެކްސީ ކުރަމުންނެވެ.

ނަމަވެެސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބޮޑު އަގުގައި ދަތުރު ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި، އެ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

މާލެ ސަރަހައްދުގައި ޓެކްސީ ދުއްވާ ފަރާތްތަކުން މިއޮތޯރިޓީން ހަމަޖައްސާފައިވާ އަގަށްވުރެ ބޮޑު އަގު ނަގައިގެން ދަތުރުކުރަމުންދާކަމުގެ ޝަކުވާ ގިނަ އަދަދަކަށް ލިބެމުން އަންނަ ކަަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު