ހ.ރީކޯ އިބްރާހިމް މަނިކު (ރީކޯ އިބްރާހިމް މަނިކު) އަވަހާރަވެއްޖެއެވެ.

ރީކޯ އިބްރާހިމް މަނިކުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

ރީކޯ އިބްރާހިމް މަނިކު އަވަހާރަވިއިރު އުމުރުފުޅަކީ 69 އަހަރެވެ.

ރީކޯ އިބްރާހިމް މަނިކަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫންގެ ވެރިކަން ވައްޓާލާ، ރައީސް ކަމަށް އައުމަށް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް 1980 ގެ އަހަރުތަކުގައި ރީކޯ އިބްރާހިމް މަނިކު މަސައްކަތް ކުރެއްވެވިއެވެ. ނަމަވެސް އެފަހަރު އެކަން މަޖިލީހަށް ހުށަހެޅުމުގެ ކުރިން ފަޅައިއެރުމުން ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ރާއްޖެއަށް ސިޔާސީ ޕާޓީތައް ތައާރަފް ވުމުން މޯލްޑިވިއަން ސޯސިއަލިސްޓް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ވެސް ރީކޯ އިބްރާހިމް މަނިކު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވިއެވެ. ކުރިން މައުމޫންގެ އެންމެ ވަރުގަދަ ސިޔާސީ ދެކޮޅުވެރިޔާގެ ގޮތުގައި ހުންނެވި ނަމަވެސް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރީކޯ އިބްރާހިމް މަނިކު ނިކުންނެވީ މައުމޫން ރައީސް ކަމަށް އިންތިޚާބު ކުރާށެވެ.

އެފަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ސިއްޚީ ބައެއް ސަބަބުތައް ވެސް ދިމާވުމާއި އެކު ރީކޯ އިބްރާހިމް މަނިކު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެ ވަޑައެއް ނުގަންނަވައެވެ.