އީދު އުފާ ފާޅު ކުރުން ހުއްދަ ވެގެންވާ ކަމަށާއި، ނަމަވެސް އެކަން ކުރަން ވާނީ މީހުންނަށް އުަނދަގޫ ނުވާނެ ގޮތަށްކަމަށް މިއަދުގެ ހުތުބާގައި ވިދާޅުވެއްޖެއެވެ.

"ައަފަރާތު ދުވަހުގެ މާތްކަން" ގުޅޭގޮތުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި ވިދާޅުވެފައި ވަނީ، މި މަހުގައި އަންނަ މަތިވެރި ދުވަހަކީ އީދު ދުވަސް ކަމަށެވެ. އަދި ކުޅަދާނަކަން ލިބިގެންވާ މީހާ އުލްހިޔާ ކަތިލުމަކީ ގަދަވެގެންދާ ސުންނަތެއް ކަމަށެވެ. އަދި ގިނަގުނަ ދަރުމަ އާއި ސަވާބުވެސް ލިބޭ ކަމެއް ކަމަށެވެ.

އަދި އީދު ދުވަސްތަކަކީ މުސްލިމުންނަށް އުފާކޮށް އުފާފާޅު ކުރާ ދުވަސްތައް ކަމަށާއި، ގާތް ތިމާގެ މީހުންނާއި ރަހުމަތްތެރިންނަށް ޒިޔާރަތްކޮށް، ތަހުނިޔާ ކިއުމުގެ ދުުވަސްތައް ކަމަށް ހުތުބާގައި ވެއެވެ.

"އީދު ދުވަހު މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވެ، ހެޔޮ ދުއާ އާއި އުފާވެރިކަމުގެ ޝުއޫރުތައް ފާޅުކުރަން ޖެހެއެވެ. އީދު ދުވަހަކީ އެކަކު އަނެކަކަށް ސަލާމްކޮށް އެކަކު އަނެކަކަށް ޒިޔާރަތް ކުރާ ދުވަހެވެ.އީދު ނަމާދަށްފަހު ގާތް ތިމާގެ މީހުންނާއި، ރަހުމަތްތެރިންނަށް ޒިޔާރަތްކޮށް، އީދުގެ ތަހުނިޔާ ކިޔުމާއި، އީދު ސަލާމް ކުރުން މުސްތަހައްބުވެގެން ވެއެވެ". ހުތުބާގައި ވެއެވެ.

އިތުރަށް ހުތުބާގައި ވިދާޅުވެފައި ވަނީ، އީދުގައި އުފާފާޅު ކުރުމަކީ ހުއްދަ ކަމެއް ކަމަށާއި، ނަމަވެސް އީދޫގެ ކުޅިވަރުތައް ކުޅެ ހަދަން ޖެހޭނީ އިސްލާމީ ހަމަތަކާއި އުސޫލުގެ މަތިން އަހްލާގީ މިންގަނޑުން ބޭރުނުވެ ކަމަށެވެ.

"ތިމާގެ އަމިއްލަ ނަފްސަށާއި، އެހެން މީހުންނަށްވެސް އުނދަގޫ ނުވާނޭ ގޮތަށެވެ. އަދި އާއްމު މަސްލަހަތަަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި، ގަވާއިދުތަކާއިވެސް ހިލާފު ނުވާނެ ގޮތަށެވެ". ހުތުބާގައި ވެއެވެ.

ހުތުބާގައި ވިދާޅުވެފައި ވަނީ ހައްޖު މަހުގެ ފުރަތަމަ 10 ދުވަސް ވޭތު ކުރަމުންދާއިރު، މިއީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެއް ކަމަށެވެ. އަދި މި ދުވަސްތަކަކީ ތަގުވާވެރިވުމުގެ ދުވަސްތައް ކަމަށާއި، ކުރެވިފައިވާ ކުށްފާފަތުކުން ތައުބާވުމުގެ ދުވަސްތައް ކަމަށް ހުތުބާގައި ވެއެވެ.

ހުތުބާގައި ވިދާޅުވެފައި ވަނީ، މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ނުވަތަ އަރަފާތް ދުވަސް ކަމަށެވެ.

"އެ ދުވަހު އަރަފާތު ބިމަށް ޖަމާވެފައިތިބޭ ހައްޖުވެރިންގެ ފާފަތައް މާތްﷲ ފުއްސަވާ ދެއްވައެވެ. އެއީ ފާފަ ފުއްސެވުމާއި އަފޫ ކުރެއްވުމުގެ ދުވަހެވެ. ނަރަކައިން ދިންނަވައި މުއްތި ކުރެއްވުމުގެ ދުވަހެވެ". ހުތުބާގައި ވެއެވެ.

ހުތުބާގައި ވިދާޅުވެފައި ވަނީ، ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމުގެ ނަސީބު ނުލިބޭ މީހުންވެސް މި ދުވަހުގެ ސަވާބު މަހުރޫމްވެގެން ނުވާ ކަމަށެވެ. އެގޮތުން އެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަ ހިފުން މޮޅު އިތުރުވެގެން ވާކަމަށް ހުތުބާގައި ވެއެވެ.

"އަރަފާތު ދުވަހުގެ ރޯދަ ހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނަ އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއް ކަމުގައި ރަސޫލާގެ އަަރިހުން ސާބިތު ވެއެވެ".

އަދި އަރަފާތު ދުވަހުގައި ފާފަ ފުއްސެވުމަށް އެދި ގިނަގިނައިން ދުއާ ކުރުމަށް އަންގާފައިވާކަމަށް ހުތުބާގައި ވެެއެވެ.