ލ.އަތޮޅު ދަނބިދޫ އިންޖީން ގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން މުޅި ރަށުން ކަރަންޓް ކެނޑިފައި ވާތީ އެރަށަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ދަނބިދޫ އިންޖީންގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން އެރަށުން ކަރަންޓް ކެނޑިފައިވާތީ އެރަށަށް ކަރަންޓް ދިނުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތް ކުންފުނިން މިހާރު ކުރަމުންދާ ކަމަށެވެ.

ނަމަވެސް ދަނބިދުއަށް ކަރަންޓް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލެއް ވެސް އަދި އެރަށަށް ކަރަންޓް ދެވޭނެ އިރެއް ވެސް ފެނަކައިން ނުބުނެއެވެ.

ދަނބިދުއަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އައި ދެ އިންޖީންގައި މިރޭ ވަނީ އަލިފާން ރޯވެފައެވެ.

ދަނބިދޫ އިންޖީންގޭގައި އަލިފާން ރޯވީ ކީއްވެކަމެއް އަދި ސާފެއް ނުވެއެވެ.

ދަނބިދޫ އިންޖީންގޭގައި އަލިފާން ރޯވެ ރަށުން ކަރަންޓް ކެނޑިފައި ވާއިރު ލ.އަތޮޅުގެ ގިނަ ރަށްރަށަށް ވަނީ ކަރަންޓް ކެނޑުމުގެ މައްސަލަ ކުރމަތިވެފައެވެ. އެއަތޮޅު މާބައިދޫ އާއި ގަމުން ކަރަންޓް ކެނޑޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އެމައްސަލަ ހައްލު ނުވެގެން އެރަށްރަށުގެ ރައްޔިތުން ގެންދަނީ ޝަކުވާ ކުރަމުންނެވެ.