ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 17 އަހަރުގެ އަންހެން ކުއްޖާ ކޮނޑުމައްޗަށް ލައިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްދިން ސިފައިން މީހާއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ތައުރީފް ކުރައްވައިފިއެވެ.

ޗީފް ޝަމާލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިނުމުގައި އެހީތެރިވީ ޕްރޮޒިޑެންޓަލް ގާޑްގައި މަސައްކަތް ކުރައްވާ ލާންސް ކޯޕްރަލް އަލީ ސަލީމް ކަމަށެވެ.

ކޯޕްރަލް އަލީ ސަލީމާއި މެދު ވަރަށް ބޮޑަށް ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށް ޗީފް ޝަމާލް ވިދާޅުވިއެވެ.

"ޒުވާން ސޯލްޖަރ ސިފައިންގެ ޔުނީފޯމްގެ އަގު ދެމެހެއްޓުމުގައި ކުރެއްވި މަސައްކަތައް އަޅުގަނޑު އިންތިހާއަށް ދަރަޖައަށް ފަހުރުވެރިވަން." ޗީފް ޝަމާލް ވިދާޅުވިއެވެ.

ކޯޕްރަލް އަލީ ސަލީމް އެހީތެރިވީ މަޖީދީމަގުގެ ކަފިހިހުރަހަކުން މަގު ހުރަސް ކުރަން އުޅެނިކޮށް ސައިކަލަކުން ޖެހި އަނިޔާވި 17 އަހަރުގެ އަންހެން ކުއްޖާ އަށެވެ. އޭރު ކޯޕްރަލް އަލީ ސަލީމް ހުންނެވީ އޮފް ޑިއުޓީގައެވެ.

މަންޒަރުދުއް މީހުން ބުނާ ގޮތުގައި އަންހެން ކުއްޖާ އަށް އަނިޔާވެގެން މަގުމައްޗަށް ވެއްޓިފައި އޮތް މަންޒަރު ފެނުމާއި އެކު ފަސްޖެހުމެއް ނެތި ކޯޕްރަލް އަލީ ސަލީމް ވަނީ ވަރަށް އަވަހަށް އެކުއްޖާ ކޮނޑުމައްޗަށް ލައިގެން ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.

މީގެ ކުރިން ވެސް ސިފައިންނާއި ފުލުހުން ވަނީ މިފަދަ ކުއްލި ހާލަތްތަކުގައި މީހުންނަށް އެހީވެ، ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެހީތެރިވެފައެވެ. އެފަދަ އޮފިސަރުންގެ އަގު ސިފައިންނާއި ފުލުހުން މީގެ ކުރިން ވަޒަންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާއަފްލާ

    ކަލޭމެން އަމިއްލަޔައް ފަޚުރުވެރި ވުމުގެ ޙައްގެއް ނޯންނާނެ ކައިރިން ފެނިއްޖެއްޔާ އެންމެ ފުރަތަމަ ކަލޭމެން އެކަން ކުރަންޖެހޭނީވެސް އެހެންވީ ފަޚުރުވެރި ވުމުގެ އެއްވެސް ޙައްގެއްނޯންނާނެ

    9
    23
  2. ސާދާމަރީ

    މިހެން ކޮނޑުގަގެންދިއުމުން ފަހަރުގާ އަނިޔާބޮޑުވެދާނެ ސިފައިންނެއްކަމަކު ތަންކޮޅެއްހޭލުންތެރި ވާންވެއްޖެ

    16
    5
  3. ބޯގޯސް

    ތިވެސް ޖަހަންޖެހޭ ވާހަކައެއްތަ؟ އެއީ އެމީހުންގެ ވާޖިބު

    13
    9
  4. ސީފް އޮފް ޗްޓާފް

    ބޮޑުވަރު ދޯ...ރައްޔިތުންގެ ބައިތުލްމާލުން މުސާރަދީފަ ތިބެނީ ކޮންކަމަކު..

    2
    5
  5. ތެދު

    ޕޮލިހުންނާއި ސިފައިންގެެ އެކަނި ވާޖިބެއްނޫން މީހުންނަށް އެހީތެރިވެ އަޅާލުމަކީ. ތިގޮތަށް ވާހަކަދައްކާ މީހުން ފުރަތަމަ ހޭލުންތެރިވާންވީ

    14