އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރް މާދަމާގެ ވަގުތެއްގައި ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެ ސަފީރު މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވަނީ އަޟްހާ ޢީދު ފާހަގަ ކުރުމުގެ ގޮތުން އެރަށުގައި ބާއްވާ މިއުޒިކް ޝޯ "ތިމާ އީދި 1440"ގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުންނެވެ.

އީދު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއުޒިކް ޝޯއަކީ ބޮޑު ޢީދު ފާހަގަ ކުރުމުގެ އިތުރުން ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން އިޝްތިހާރު ކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާއި އަމިއްލަ ކުންފުންޏަކާއި އެ ރަށުގެ ޒުވާނުން ތަކެއް ގުޅިގެން އިންތިޒާމު ކުރާ ހަރަކާތެއް ކަމަށް ޝޯ އިންތިޒާމު ކުރާ ފަރާތުން ކުރިން ވަނީ ބުނެފައެވެ.

މި ޝޯގެ ޝަރަފްވެރި ކޮށްދެއްވުމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވާއިރު އޭނާގެ އަރިހުގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަދި ލަވަކިއުންތެރިޔާ އަދިތްޔާ ނާރަޔަންވެސް ފުވައްމުލަކަށް މާދަމާ ދާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މީގެ އިތުރުން މި ޝޯގައި ބައިވެރިވުމަށްޓަކައި މިދިޔަ ބުދަ ދުވަހު ރާއްޖެ އައިސްފައިވާ މަޝްހޫރު ރިއަލިޓީ ޝޯ ބިގް ބޮސްގެ ތަރިއެއް ކަމަށްވާ ޕްރިޔަންކް ޝަރްމާވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ފުވައްމުލަކަށް ގޮސްފައެވެ.

ފުވައްމުލަކުގައި މާދަމާ ރޭ ބާއްވާ ތިމާ އީދި 1440 ގައި އިންޑިއާގެ ތަރިންގެ އިތުރުން ރާއްޖޭގެ ގިނަ ފަންނާނުންވެސް ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އިންޑިއާގެ ސަފީރު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި ފުވައްމުލަކު ސިޓީ ކައުންސިލާއި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން އިޝްތިހާރު ކުރުމަށް މަސައްކަތްކުރާ ފަރާތްކާ ބައްދަލުކޮށް އެކަންކަމުގައި އިންޑިއާގެ އެމްބަސީން ވެދެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކަން އިންތިޒާމު ކުރާ ފަރާތުން މައުލޫމާތު ދެއްވައެވެ.

އިންޑިއާ ސަފީރު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަ ކުރައްވާފައެއް ނުވެއެވެ.