ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނައިން މާލޭ ސަރަޙައްދުގައި ޓެކްސީ ދަތުރުކުރި ޑްރައިވަރުންތަކެއް ޖޫރިމަނާކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން ވިދާޅުވީ، އިތުރަށް ފައިސާ ނެގި މައްސަލަތަކާއި ގުޅިގެން މިދިޔަ ބުދަ ދުވަހުން ފަށައިގެން އިއްޔެ އާއި ހަމައަށް ހަ ޑްރައިވަރަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ، އެ ޑްރައިވަރުންނާއި މެދު ފިޔަވަޅު އަޅާފައިވަނީ ފުލުހުން ކުރިޔަށްގެންދާ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މާލޭ ސަރަޙައްދުގައި ޓެކްސީ ކުރުމުގެ ޚާއްސަ ރޭޓްތަކެއް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވަނީ، ހައްދެއް ނެތި ބައެއް ޓެކްސީ ޑްރައިވަރުން ހިތުހުރި އަގެއްގައި ދަތުރުކުރަމުންދާ މައްސަލަ ފެންމަތިވެ ހޫނުވެފައިވާ ދަނޑިވަޅެއްގައި މިދިޔަ ހަފްތާގެ ތެރޭގައެވެ.

މިކަމާއި ގުޅިގެން ބައެއް ޓެކްސީ ޑްރައިވަރުން ވަރަށް ބޮޑަށް ނުރުހުންވެސް އިހުތިޖާޖުކޮށްފައިވާއިރު، އަދިވެސް ބައެއް ޑްރައިވަރުން ދަނީ މި އިހުތިޖާޖު ކުރިޔަށް ގެންދަމުންނެވެ. އެގޮތުން ޓެކްސީ ދަތުރުތައް މެދުކަނޑާލައި، އާންމު ފަރާތްތަކަށް ދަތިތަކާއި ކުރިމަތި ކުރުވައި، ސަރުކާރަށް ޕްރެޝަރު ކުރުމުގެ މަސައްކަތް އެފަރާތްތަކުން ދަނީ ކުރަމުންނެވެ.

ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރަމުން ދަނީ، ފަސް ވަރަކަށް ރުފިޔާގެ ޕެޓްރޯލް ޚަރަދުވާ ދަތުރަކަށް 60 ރުފިޔާއަށްވުރެ މަތީގެ އަގުތައް ނެގުމުގެ ދޮރު ބަންދުވުމާއި ގުޅިގެންނެވެ. ނުހައްޤުން މިގޮތަށް ރައްޔިތުންގެ އަތުގައި އެތައް ފައިސާއެއް ޑްރައިވަރުން "ފެލަމުން" ދިއުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މީގެ ކުރިންވެސް ނުރުހުން ފާޅުކޮށްފައި ވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަކީ:

މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތައް: 25 ރުފިޔާ
މާލެ- ހުޅުލެ ދަތުރެއް: 60 ރުފިޔާ
ހުޅުލެ – މާލެ ދަތުރެއް: 60 ރުފިޔާ
ހުޅުމާލެ – ހުޅުލެ ދަތުރެއް: 60 ރުފިޔާ
ހުޅުލެ - ހުޅުމާލެ ދަތުރެއް: 60 ރުފިޔާ
މާލެ- ހުޅުމާލެ ދަތުރެއް: 75 ރުފިޔާ
ހުޅުމާލެ – މާލެ ދަތުރެއް: 75 ރުފިޔާ

ޑްރައިވަރުން ހަޅުތާލު ކުރިނަމަވެސް އަގަށް ބަދަލު ނުގެންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައިވާއިރު، ޓެކްސީ ދަތުރުކޮށްގެން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ފައިސާ ހޯދި މައްސަލައިގައި މިއީ ޑްރައިވަރުންނާއި މެދު ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

މާލޭގައި ޓެކްސީ ކުރުމުގެ ހުއްދަ 1200 އަށްވުރެ ގިނަ ކާރަށް ދީފައިވާއިރު، އޭގެތެރެއިން ހަޅުތާލު ކުރަމުންދަނީ 100 ވަރަކަށް ޑްރައިވަރުންނެވެ. މިކަމުގެ ސަބަބުން އެފަރާތްތަކުގެ މަގުސަދު ކާމިޔާބު ވާގޮތް ނުވެގެން، ޓްރާންސްޕޯޓުގެ އެންގުމާއި އެއްގޮތަށް އަމަލުކުރާ ޓެކްސީތަކާއި ދެކޮޅަށް އެފަރާތްތަކުން ވަނީ ކެމްޕޭނުވެސް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ރައްޔަތު މީހާ

  ފަސް ވަރަކަށް ރުފިޔާގެ ޕެޓްރޯލް ޚަރަދުވާ ދަތުރަކަށް 60 ރުފިޔާ މިމީހުން އެކަނިތަ ކުއްޔަ އުޅެނީ ބަލަ ތިޔަށް އަރަނީ ވެސް ކުއްޔަށް އުޅޭމީހުން އަގުތައްނުހައްޤުން މިގޮތަށް ރައްޔިތުންގެ އަތުން އެތައް ފައިސާއެއް "ފެލަމުން" ތިޔަދަނީ.

  21
  1
 2. އާދަނު

  އިތުރަށް ފައިސާނެގި ޑްރައިވަރުންގެ ލައިސަސް ހަފަހެއްޓްމަށް ގޮވާލަން ސާބަހޭ ފުލުހުން.

  25
 3. ހަބީބާ

  ޓެކްސީތަކުގެ އަގުބޮޑުވުމަކީ ހުރިހާރައްޔިތުންވެސް އުފުލަންޖެހޭ ވަރައްބޮޑު ބުރައެއް ވީމާ ސަރުކާރުން ތިޔަކުރެއްވީ ވަރައް ރަނގަޅުކަމެއް ކޮންމެދުވަހަކު މަދަރުސާޔައް ފޮނުވާ ދަރިވަރުވެސް ކާރެއްގަ ގެންދަން މިޖެހެނީ ބުނިވަރަކައް ލާރިދީފަ ވީމާ ތިކަން ތިގޮތުގަ ހިފަހައްޓާ

  20
 4. ޓ

  ހަމަ ރަގަޅު. ރައްޔިތުންގެ ހައްގުގަ ރައްޔިތުން ފެލުން ހުއްޓުވަން ވެއްޖެ

  27
 5. ދަސ

  ޖޫރުމަނާވެސް ކުރަންވީ އިތުރައް ތަކުރާރުވާނަމަ ޓެކްސީ ލައިސަންވެސް ބާތިލްކުރަންވީ އަމިއްލަޔަށް އަގުނެހޭދޭނެ.......

  23
 6. ކުލުނު

  ތިޔަހިންގެވި އޮޕަރޭޝަނަށް އައްދަރިބަހާ ސާބަސް، ޤަވާޢިދު ތަންފީޒު ކުރެއްވުމުގައި ސާބިތުވެ ތިއްބެވުން އެދެން.

  19
 7. ދިވެހިމީހާ

  މަ ރައްޓެހި ޓެކްސީޑްރައިވަރެއް އުޅޭ އެމްޑީޕީއަށް ޖާނުދިން މީހެއް. އިންތިހާބުގައި އޭނަގެ ކާރުގައި ހިލޭ އެމްޑީޕީއަށް ވޯޓުލާމީހުން އުފުލައިދިން. މިހާރު އެބައުޅޭ ރަތްބޮކިދިއްލި ބޮކިވެސް ތަޅައިގެންގޮސްގެން. މަ ހީހީ.

  21