ކ. މާހަލް ކައިރިން މުދާ ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް އަރިއަޅާލައި، އޭގައި ހުރި މުދާތައް ކަނޑަށް ދޫވެއްޖެއެވެ.

މި ހާދިސާ އާއި ގުޅިގެން މިހާރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުގެ ސިފައިން މިހާރު ހަރަކާތްތެރިވަމުންދާއިރު، ހާދިސާ ހިނގި ވަގުތު ދޯނީގައި ހަތަރު މީހުން ތިބި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގައި އަރިއަޅާލީ "ސަމޯރާ-2" ނަމަކަށްކިޔާ ދޯންޏެއް ކަމަށެވެ. އަދި އެ ދޯނި ދަތުރުކުރީ މާލެ އިން ފުރައިގެން މާލެ އަތިޅަށް ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ތިން ބިދޭސީންނާއި ދިވެއްސެކެވެ. މި ހާދިސާގައި އެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. އެމްއެންޑީއެފް އިން ވަނީ، މި ހާދިސާ ހިނގި ސަރަޙައްދުން މުދާތައް އޮޔާދާތީ އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފް ކޯސްޓްގާޑަށް މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ. ސިފައިން މިހާރު ދަނީ މި ހާދިސާ ހިނގި ސަރަޙައްދުގައި ހަރަކާތްތެރިވެ، ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކ. އަތޮޅު ހިމެނޭ ސަރަޙައްދުގައި ކަނޑުމަތީގެ މި ހާދިސާ ހިނގާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ށ. އަތޮޅުން ފުރައިގެން ކ. އަތޮޅަށް ދަތުރުކުރި ލޯންޗެއް ފަރަށް އެރުމުގެ ހާދިސާއެއްވެސް ހިނގާފައި ވެއެވެ. ހަތަރު މީހުންނާއެކު ދަތުރުކުރި އެ ލޯންޗު އަރާފައިވަނީ ނ. ދެކެނަންފަރު ނަމަކަށްކިޔާ ފަޅު ރަށެއްގެ ކައިރީގައި އޮންނަ ފަރަކަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ކަނޑުތައް ގަދަ ދުވަސް ވަރެއް ކަމަށްވާއިރު، މިއީ އީދު ބަންދާއި ދިމާކޮށް ގިނަ ބަޔަކު ކަނޑު ދަތުރުކުރާ ދުވަސްވަރެކެވެ. މިކަމާއި ގުޅިގެން، ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.