ގދ. ގައްދޫގައި ދަނޑިފަނުން ހަދާފައި ހުރި ގެތަކެއްގައި ރޯކޮށްލުމާއި ގުޅިގެން، އެގެތައް އަނދައި އަޅިޔަށް ވެއްޖެއެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ވިދާޅުވީ، ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ ރޭ މެނދަމު 3:08 ހާއިރު ކަމަށެވެ. އެއާއެކު ފުލުހުން އެރަށަށް ގޮސް ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ރަށުގެ އާންމުންނާއި ގުޅިގެން ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި ރޯވީ ކިތައް ގެ ކަމެއް އަދި ސާފުވެފައި ނުވާއިރު، ރޯވި އަލިފާންގަނޑު ނިއްވާލެވުނުއިރު، އެންމެ ގެއެއް ފިޔަވައި އެ ސަރަޙައްދުގައި ދަނޑިފަނުން ހަދާފައި ހުރި ހުރިހާ ގެއެއް އަނދައި ހުލިވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރޭ ރޯވެ އަނދާފައިވާ ގެތަކަކީ ގދ. އަތޮޅު، އަތޮޅު މަދުރަސާ ކައިރީގައި ހަދާފައި ހުރި ގެތަކެކެވެ. ނަމަވެސް ރޭގެ ހާދިސާގައި އެ ސްކޫލަށް އަލިފާނުގެ އަސަރުކޮށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ އެ ސަރަޙައްދުގައި ބަޔަކު ގަސްތުގައި ރޯކޮށްލުމުންނެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުން މިހާރު ތަހުޤީޤެއް ކުރިޔަށްގެންދާއިރު، މައްސަލައިގެ ތުހުމަތުގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާމިނަތު

    އަންދާލާފައި މި ވަނީ މަދަރުސާގެ ގިނަ އަދަދެއްގެ ބެލެނިވެރިންގެ އެހީތެރި ކަމާއެކު ގޯލްޑް ޓީމް (ގައިޑް ޓީމެއް) ގައްދޫ އަށް ކުރި ދަތުރުގައި މޯލްޑިވިއަން ނައިޓް ބޭއްވުމަށް ހަދާފައި ހުރި ދަނޑިފަނުގެ ގެތަކެއް. އެއީ ސްކޫލުގެ ބެލެނިވެރިންގެ ބުރަ މަސައްކަތް. އޭގެ ފަހުންވެސް ސްކޫލުގެ ދަރިވަރުންނަށް މަސައްކަތްތެރިކަން ދައްކާލުމަށް ބޭއްވުނު ޘަގާފީ ކާނިވާގައި ވެސް މިތަން ވަނީ ބޭނުންކޮށްފަ. މިއީ ދަރިވަރުންނާ ގުޅޭ އެކި ކަންކަމަށް ބޭނުން ކުރުމުގެ ގޮތުން ފަސޭހައަކަށް ސްކޫލް ކުރިމަތީ ބެލެނިވެރިން ހަދާފައިވާ ގެތަކެއް. މިތަންތަން އަންދާލި ބަޔަކަށް ހެޔޮވިސްނުން މިންވަރުކުރައްވާށި. އާމީން

    30
  2. ޢަބްދުއްލަޠީފު

    ޖަޒީރާވަންތަ ވީ ކަމަށްތިވާނީ. ދެން ބާރަށް އަތްޖަހާ