ވިޔަފާރި މުދާ އުފުލާ ގަޑިތަކަށް ސަރުކާރުން ގެންނެވި ބަދަލާ ގުޅިގެން ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ވިޔަފާރިވެރިންނާ މަޝްވަރާ ކުރަމުންދާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު "ވަގުތަށް" ވިދާޅުވީ، މި ގެންނެވި ބަދަލާއި ގުޅިގެން މާލޭގެ ޓްރެފިކަށް އައި ބަދަލު އިއްޔެއާއި ރޭގައިވެސް ވަރަށް ގާތުން ބަލަމުން ދިޔަ ކަމަށާއި، ރޭގަނޑުގެ ވަގުތުތަކިގައި މާބޮޑަށް މަގުތައް ތޮއްޖެހުމުގެ މައްސަލަ ފެންމަތިވެފައި ނުވާއިރު، މި ބަދަލުގެ ސަބަބުން ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ވިޔަފާރިވެރިންނާ މަޝްވަރާ ކުރަމުންދާކަމަށެވެ.

"ވިޔަފާރިވެރިންނާވެސް މަޝްވަރާ ކުރަމުން މިގެންދަނީ، އަބަދުވެސް ވިޔަފާރިތަކަށް ވާ ގެއްލުންތަކާއި ދިމާވާ ދަތިތަކާ ގުޅިގެން މަޝްވަރާކޮށް ހައްލު ކުރުމުގެ ވިސްނުން ސަރުކާރުގެ ހުންނާނެ." އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީޤް ވިދާޅުވިއެވެ.

ވިޔަފާރިވެރިންނާއި ސަރުކާރާއި ރަނގަޅު ގުޅުމެއް އެބައޮތް ކަމަށާއި، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ވިޔަފާރިވެރިންނަށް ފަހި ގޮތްތަކަށް ކަންކަން ބައްޓަން ކުރުމަށް ކަމަށްވެސް ތައުފީޤް ވިދާޅުވިއެވެ.

"މި ބަދަލުގެ ސަބަބުން ސީދާ އުނދަގޫތަކެއް ވާނަމަ، ދެންވެސް ގެނެވޭ ބަދަލެއް ގެނެވިގެންދާނީ ވިޔަފާރިތަކަށްވެސް ފަސޭހަތަކެއް ލިބިގެންދާގޮތަށް." ސަރުކާރުން މުދާ އުފުލޭ ގަޑިތަކަށް ގެނެވުނު ބަދަލާއި ގުޅިގެން ވިޔަފާރިވެރިންނާ މަޝްވަރާކޮށް އިތުރަށް މިކަންކަން ދިރާސާ ކުރަމުންދާކަން ހާމަކޮށްފައިވާ މި ދަނޑިވަޅުގައި ސަރުކާރުގެ ވިސްނުން ހާމަކުރައްވަމުން އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީޤް ވިދާޅުވިއެވެ.

ސަރުކާރުން ވިޔަފާރި މުދާ އުފުލުމުގެ ގަވާއިދަށް ގެންނެވި ބަދަލާއި ގުޅިގެން ދިމާވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކުން ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރައްވާކަން ހާމަކުރެއްވިއިރު، މި ބިޔަ ބަދަލާ ގުޅިގެން ގިނަ ކަންތައްތަކަށް ބަދަލު އަންނާނެއެވެ. އެގޮތުން އޮޑިދޯނި ފަހަރަށް ބައެއް ބާވަތްތަކުގެ މުދާ އެރުވުމާއި، ކެފޭ ރެސްޓޯރެންޓްތަކުގެ ބޭނުން މަސައްކަތްތެރިން ހިފާނެ ގަޑިތަކާއި، ޕެޓްރޯލް ޝެޑްތަކުގެ ބޭނުން ހިފަންޖެހޭ ގަޑީގެ އިތުރުން އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ މަސައްކަތުގެ ވަގުތު އަދި މަޖޫރީންގެ މަސައްކަތު ވަގުތައްވެސް ބަދަލުތަކެއް އަންނާނެއެވެ.

ސަރުކާރުން މުދާ އުފުލޭ ގަޑިތަކަށް ގެންނަވާފައިވާ މި ބަދަލާއި ގުޅިގެން ޕްޓްރޯލް ޝެޑްތައް މެންދަމު 12 ޖެހުމާ ހަމައަށް އަދި ކެފޭ ރެސްޓޯރެންޓްތައް މެންދަމުން އަލިވެ 1 ޖެހުމާ ހަމައަށް ހުޅުވައި ޚިދުމަތް ދިނުމުގެ ފުރުޞަތު ސަރުކާރުން ވަނީ ދީފައެވެ. މީގެ އިތުރުން ފިހާރަތައް 24 ގަޑިއިރު ޚިދުމަތް ދިނުމުގެ ހުއްދަ ދިނުމަށް ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަނީ ފަށާފައެވެ. މިފަދަ ބޮޑެތި ބަދަލުތަކަށް ހޭނި، ދިރިއުޅުމުގެ ކަންކަމާއި ވިޔަފާރީގެ ކަންކަން އެޖަސްޓް ވާން ވަގުތު ނަގާނެކަން ސަރުކާރުންވެސް ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ ތަކުރު

    ފާއިތުވި ފަންސާހަކަށް އަހަރު މިގައުމުގެ ވެރިކަމަށް އެރި ކޮންމެ މީހަކު މަސައްކަތްކުރީ އަބަދުވެސް ދިޔަދޮވީގެ އެއްކޮޅުން ފެން ނެގޭގޮތަށް . އެކަމުގެ ނަތީޖާ މިހާރު މިފެންނަނީ.