ހުޅުމާލޭގައި ހުންނަ "ފިޔަވަތި" އިން ފިލި ހަތް ކުއްޖަކު ފުލުހުން ހިފަހައްޓައިފިއެވެ.

ދައުލަތުގެ ކުޑަކުދިން ބަލަހައްޓާ "ފިޔަވަތި"އިން ފިލައިގެން ގޮސް ތިބި ހަތް ކުދިން ފުލުހުން ހޯދާފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީ ހުރި ފެންސެއްގެ މައްޗަށް އަރައި ތިއްބައެވެ. މި ކުދިން ފިލައިގެން ދިޔަ ކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 7:10 ހާއިރުއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެކުދިން މިހާރު ވަނީ ފިޔަވައްޗާ ހަވާލުކޮށްފައެވެ.

ފިޔަވަތިން ކުދިން ފިލުމުގެ މައްސަލަ ފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ. އެގޮތުން ޖޫން މަހު ފިޔަވަތިން ފިލި ކުއްޖަކު މާލޭގެ ގެއެއްގެ ތެރޭގައި ގެންގުޅެނިކޮށް ފުލުހުން ހޯދައިފައިވާއިރު، އެތަނުގައި އުޅޭ ކުދިން ފިލަން މަސައްކަތް ކޮށް ފެންސް މައްޗަށް އަރާ ތިބޭ ފޮޓޯތައްވެސް މީސް މީޑިއާގައި އާންމުކޮށް ދައުރުވެއެވެ.