ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ރާއްޖޭގެ ދެކުނުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން ބައެއް އަތޮޅުތަކަށް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރު (މެޓް) އިން މިރޭ އެލާޓް ނެރެފައި ވަނީ ހުވަދު އަތޮޅުން ފަށައިގެން އައްޑޫ އާއި ހަމައަށެވެ. މި ސަރަޙައްދުތަކަށް މެޓުން ނެރެފައި ވަނީ ހުދު އެލާޓެވެ.

މިރޭ 23:00 އިން މެންދަމު 03:00 އާއި ހަމައަށް މި ސަރަޙައްދުތަކަށް އެލާޓް ނެރެފައިވާކަން ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، އެލާޓްގެ ވަގުތުތަކުގައި މި ސަރަޙައްދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި މި ސަރަޙައްދުތަކަށް ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާއި ބެހޭ އިދާރާއިން މިރޭ ދެކުނުގެ ބައެއް އަތޮޅުތަކަށް ހުދު އެލާޓް ނެރެފައިވާއިރު، މި ސަރަޙައްދުގެ ބައެއް ރަށްތަކަށް މިއަދު އިރުއޮއްސުނު އިރުން ފަށައިގެން ދަނީ ވިއްސާރަވެ ވާރޭވެހެމުންނެވެ.