މޫސުން ގޯސްވުމާއި ގުޅިގެން އައްޑޫ ސިޓީ ގަން އިންޓަނޭޝަލް އެއާޕޯޓަށް ނުޖެއްސިގެން ޑައިވާޓް ކުރި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.

މި ބޯޓަކީ މިރޭ 1:20 ހާއިރު ގަން އެއާޕޯޓަށް ޖައްސަން އޮތް މޯލްޑިވިއަންގެ ފްލައިޓެކެވެ. މި ފްލައިޓް އެ އެއާޕޯޓްގައި ޖެއްސުމަށްޓަކައި ގިނަ އިރުތަކެއް ވަންދެން މަސައްކަތް ކުރިއެވެ. އަދި އޭގެ ފަހުން ފްލައިޓްގެ މިސްރާބު ލ. ކައްދޫ އެއާޕޯޓަށް ކުރިއެވެ. ނަމަވެސް އެ އެއާޕޯޓަށްވެސް ނުޖައްސާ އެންމެ ފަހުން އެ ބޯޓު ޖައްސާފައި ވަނީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައެވެ.

މި ބޯޓު ވެލާނާ އެއާޕޯޓްގައި ޖައްސާފައި ވަނީ ދަތުރު ފުރިތާ ތިން ގަޑިއިރާއި 16 ވަރަކަށް މިނިޓް ފަހުންނެވެ. މި ބޯޓު ވެލާނާ އެއާޕޯޓްގައި ޖައްސާފައި ވަނީ 3:19 ގައެވެ.

މިއަދު އިރުއޮއްސުނުއިރުން ފަށައިގެން އައްޑޫއަށް ވައިގަދަވެ ވިއްސާރަ ވަމުންދާއިރު، ހުއްޓުމެއް ނެތި ވާރޭ ވެހެމުން ދާތާ ވަނީ ހަ ގަޑިއިރު ވެފައެވެ. އަދި އައްޑޫ ހިމެނޭ ސަރަހައްދަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ރީނދޫ އިންޒާރު ނެރެފައެވެ.