އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވައި ބާރުވެ އެ ސީޓީގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އެބަ ދެއެވެ.

މައުލޫމާތު ލިބޭގޮތުގައި، މިހާރު އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން އެ ސިޓީގެ ހުރިހާ ރަށްތަކަށްވެސް އެކި ކަަހަލަ ގެއްލުންތައް ދަނީ ވަމުންނެވެ. މީގެ ތެރޭގައި ގުޅިފައިވާ ރަށްތަކާއި، ވަކިން އޮންނަ ހުޅުމީދޫވެސް ހިމެނެއެވެ.

މައުލޫމާތު ލިބޭގޮތުގައި، ހުރިހާ ރަށަކުންވެސް ބައެއް ގެތަކުގެ ފުރާޅު އެއްލާލައި، ބައެއް ގެތަކުގައި ފެންބޮޑުވެ ދަނީ ގެއްލުންތައް ވަމުންނެވެ. އަދި ބޮޑެތި ގިނަ އަދަދެއްގެ ގަސްތައް ދަނީ ވެއްޓެމުންނެވެ.

މަރަދޫ - ވަގުތު އިމޭޖެސް: އަބްދުﷲ ސިއްދީގު

އައްޑޫގައި ގެއްލުންވަމުންދާ ގެތަކަށް އެހީވުމަށް ސިފައިން ވަނީ ނުކުމެފައެވެ. އަދި ސިފައިން ދަނީ މަގުތަކަށް ވެރިފައި ހުރި ގަސްތައް ނަގާ މަގު ސާފް ކުރުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، މިރޭ އައްޑޫ ސިޓީއަށް އެންމެ ބޮޑަށް ވައިގަދަ ވެފައި ވަނީ 3:10 ހާއިރު ކަމަށެެވެ. އަދި އެގަޑީގައި 50 މޭލުގެ ބާރުމިނުގައި ވައި ޖެހިފައިވާކަން ރެކޯޑް ކުރެވިފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހިތަދޫ

ދެކުނުގެ ރަށްތަކަށް ކުރަމުންދާ ވިއްސާރަގައި އައްޑޫ ސިޓީގައި ގުޅިފައިވާ ރަށްތަކުން ވަނީ ކަރަންޓްވެސް ކެނޑިފައެވެ.

މީގެ އިތުރުން، މިހާރު ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކުރަމުން އަންނަ ވިއްސާރާގައި ގދ. އަތޮޅުގެ ރަށްތަކަށްވެސް ވަނީ ވަރަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ. އެގޮތުން، ގދ، އަތޮޅުގެ ތިނަދޫގެ ތިން ގެއެއްގެ ފުރާޅު އެއްލާލައި ވެއެވެ. އަދި އެގޭގޭގައި ދިރިއުޅެމުންދިޔަ މީހުން އެހެން ގެތަކަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގިސްފައެވެ.

އަދި މީގެ އިތުރުން، އެ އަތޮޅު ފަރެސްމާތޮޑާ ގެއެއްގެ ފުރާޅުވެސް އެއްލާލައިފައިވާއިރު، އެރަށު ގެއެެއްގެ ފާރުވެސް ވަނީ ވެއްޓިފައެވެ.

އަދި ދެ ރަށުގައިވެސް ބޮޑެތި ގަސްތައް ވެއްޓިފައިވާއިރު، ރަށު ތެރޭގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ދެ ރަށުގައިވެސް އާއްމުންނަށް އެހީވުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.