މިހާރު ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކުރަމުން އަންނަ ވިއްސާރާގައި ގދ. އަތޮޅުގެ ރަށްތަކަށްވެސް ގެއްލުން ވަމުން އެބަ ދެއެވެ.

މިހާރު ދެކުނުގެ ރަށްތަކަށް ކުރަމުން އަންނަ ވިއްސާރަގައި ގދ، އަތޮޅުގެ ތިނަދޫގެ ތިން ގެއެއްގެ ފުރާޅު އެއްލާލައި ވެއެވެ. އަދި އެގޭގޭގައި ދިރިއުޅެމުންދިޔަ މީހުން އެހެން ގެތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އަދި މީގެ އިތުރުން، އެ އަތޮޅު ފަރެސްމާތޮޑާ ގެއެއްގެ ފުރާޅުވެސް އެއްލާލައިފައިވާއިރު، އެރަށު ގެއެެއްގެ ފާރުވެސް ވަނީ ވެއްޓިފައެވެ.

ފަރެސްމާތޮޑާގެ ގެއެއްގެ ފާރު ވެއްޓިފައި - ވަގުތު އިމޭޖެސް: ނާސިހު

އަދި ދެ ރަށުގައިވެސް ބޮޑެތި ގަސްތައް ވެއްޓިފައިވާއިރު، ރަށު ތެރޭގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ދެ ރަށުގައިވެސް އާއްމުންނަށް އެހީވުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ އިތުރުން، އައްޑޫ ސިޓީއަށްވެސް މޫސުން ގޯސްވެ އެ ސިޓީގެ ބައެއް ރަށްތަކުން ކަރަންޓްގެ ޚިދުމަތްވެސް ވަނީ މެދު ކެނޑިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭ 2:20 އިން ފެށިގެން އައްޑޫ ސިޓީގެ މަރަދޫ، ފޭދޫ، މަރަދޫ ފޭދޫގައި ކަރަންޓެއް ނެތެވެ. އަދި ހިތަދޫގެ ބޮޑު ސަރަހައްދަކުން ވެސް ވަނީ ކަރަންޓް ކެނޑިފައެވެ. ހަމައެހެންމެ، އައްޑޫ ސިޓީއަށް ވިއްސާރަވުމާއި ގުޅިގެން ގަން އެއާޕޯޓަށް ޖައްސަން އޮތް ފްލައިޓެއްވެސް ވަނީ ޑައިވާރޓް ކޮށްފައެވެ.