އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރައިގައި މީހެއްގެ ބޮލަށް ގަހެއް ވެއްޓި އަނިޔާ ވެއްޖެ އެވެ.

އަނިޔާ ވެފައި ވަނީ އައްޑޫ ހިތަދޫ ރޯޔަލް ޕާމް ރެސްޓޯރަންޓް ކައިރިން ސައިކަލެއް ގައި ދިޔަ ޒުވާން ފިރިހެނަކަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ 04:30 ހާއިރުއެވެ.

މަންޒަރުދުއް މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އަނިޔާވި ޒުވާނާގެ މޫނު ޒަހަމްވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

އައްޑޫ ސިޓީ އަށް އާދަޔާއި ހިލާފަށް ވައި ގަދަވެ ދަނީ ބޮޑެތި ގެއްލުން ތަކެއް ލިބެމުންނެވެ.

ހަމައެކަނި ހިތަދޫ އިން ވެސް 15 ވަރަކަށް ގޭގެ ފުރާޅު އެއްލާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ހިތަދޫގެ އިތުރުން އެހެން ރަށްރަށަށް ވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައެވެ.

އައްޑޫގެ އިތުރުން ހުވަދޫގެ ބައެއް ރަށްތަކަށް ވެސް ދަނީ ވިއްސާރައިގައި ގެއްލުން ލިބެމުންނެވެ.

ތިނަދޫ ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށް ރިޕޯޓު ލިބެއެވެ. އަދި ފަރެސްތޮޑާ ގެއެއްގެ ފާރު ވެއްޓިފައިވާ ކަމަށް ވެސް ރިޕޯޓު ލިބިފައިވެއެވެ.