ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރޭ ފުވައްމުލަކަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވީ ރޭ ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި އެ ސިޓީން ގިނަ އަދަދެއްގެ ބޮޑެތި ގަސްތައް މަގުމައްޗަށް ވެއްޓި މަގުތައް ބަންދުވެފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ފުވައްމުލަކުގެ ބައެއް ގެތަކުގެ ފުރާޅު ވަޔާ އެއްލާލުމުގެ ސަބަބުން ބައެއް ގޭގެއިން މީހުންވެސް ބަދަލު ކުރަން ޖެހިފައިވާ ކަމަށެވެ.

ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

އެހެން ނަމަވެސް ފުރާޅު އެއްލާލާފައިވަނީ ކިތައް ގެއިން ކަމެއް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅެއް ނުވެއެވެ.

މި ވިއްސާރައާ ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލާއި ފުވައްމުލަކުގައި ހަރަކާތްތެރިވާ ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މޫސުން ގޯސްވެ ގަދަ ވަޔާއެކު ފުވައްމުލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މިއަދު ފާހަގަ ކުރަމުން މިދާ އަޟްހާއީދު ފާހަގަ ކުލަ ގަދަކޮށް ފާހަގަ ކުރުމަށް އެސިޓީގެ ކައުންސިލާއި ގުޅިގެން އަމިއްލަ ފަރާތަކުން އަންނަނީ ތައްޔާރު ވަމުންނެވެ.

ފަހަކަށް އައިސް ފުވައްމުލަކުގައި އީދު ދުވަސް ފާހަގަ ނުކުރާ މިންވަރަށް އެރަށުގައި އީދުގެ މުނާސަބާ ފާހަގަ ކުރުމާއި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން އިޝްތިހާރު ކުރުމަށް މިއުޒިކް ޝޯއެއް މިރޭ ބޭއްވުމަށްވެސް ދަނީ ތައްޔާރު ވަމުންނެވެ.