މިހާރު ކުރަމުންދާ ވިއްސާރާގައި އައި ކޮޅިގަނޑެއްގައި "ނޫރު" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ގެއްލިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ގެއްލުނީ ގއ.އަތޮޅުގައި ހިންގާ ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓެ ދޯންޏެއް ކަމަށެވެ.

މީގެ އިތުރުން މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިއަދު ހެނދުނު 07:10 ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެ ދޯނި ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ ދިގުމިނުގައި 75 ފޫޓު ހުރި މިދޯނި ގެއްލުނު އިރު އެއްވެސް މީހަކު ދޯނީގައި ހުރިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވާ ކަމަށެވެ.

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ދެކުނުގެ އަތޮޅު ތަކުގެ ރަށްތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. ވިއްސާރައާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ރީނދޫ އިންޒާރު ރޭ 5:00 ހަމައަށް ފަސް އަތޮޅަކަށް ނެރެފައެވެ.

މެޓް އޮފީހުން ނެރުނު އިންޒާރުގައި ބުނެފައި ވަނީ، ލ. އަތޮޅުން ފެށިގެންް އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.