އެނބޫދޫ ފިނޮޅުގައި އޮންނަ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ ކައިރިއަށް ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

ޑިންގީއެއް ބަންޑުން ޖަހާލައިގެން އެއިން ދަތުރުކުރި އެކަކު ގެއްލިއްޖެ ކަމަށް ބުނެ ޕޯސްޓެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެއާއި ގުޅޭގޮތުން "ވަގުތު"ން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ އިބްރާހިމް އާޒިމް ވިދާޅުވީ، ޑިންގީއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އަދި އެ ޑިންގީގައި ތިން މީހުން ތިބި ކަމަށާއި، ތިން މީހުންވެސް ނުގެއްލޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އެނބޫދޫ ފިނޮޅު ކައިރިއަށް ބަންޑުން ޖަހާލާފައި އޮތް ޑިންގީއެއް ޓާޖް އެގްޒޯޓޮކާ ރިސޯޓަށް ދިޔަ ލޯންޗަކަށް ފެނިގެން ކަނޑުވެފައި ތިބި ތިން މީހުން ސަލާމަތްކޮށްފައިވާކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެ ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި މި މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 17:38 ހާއިރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތައް ގަދަވުމާއި ގުޅިގެން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ދަތުރުކުރެއްވުމަށް ފުލުހުންނާއި އެމްއެންޑީއެފް އިން އެދެއެވެ.