އއ. ކުރަމަތި ރިސޯޓުގެ އެއާ ޓެކްސީ ޕްލެޓް ފޯމްގައި ފައްތިޔަލުގައި އަޅާފައި އޮތް އެއާ ޓެކްސީއެއް، އައި ކޮޅިގަނޑެއްގައި ފައްތިޔަލާއެކު ކަހާލައިގެން ގޮސް ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފީޝަލް "ވަގުތު"އަށް ވިދާޅުވީ، ކުރަމަތި ރިސޯޓުގެ އެއާ ޓެކްސީ ޕްލެޓް ފޯމްގައި ފައްތިޔަލުގައި އަޅާފައި އޮތް އެއާ ޓެކްސީއެއް، އައި ކޮޅިގަނޑެއްގައި ފައްތިޔަލާއެކު ކަހާލައިގެން ގޮސް އެ ހިސާބުގައި އަޅާފައި އޮތް ސަޕްލައި ދޯންޏެއްގައި ޖެހި އެއާ ޓެކްސީއަށް ގެއްލުންތަކެއް ވެފައި ވާކަމަށެވެ.

މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު އިރުއޮއްސި 18:14 ހާއިރު ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން މިހާރު އެ ސީންއަށް ދިއުމަށް ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ، ގެއްލުންވެފައި ވަނީ ޓީއެމްއޭގެ އެއާ ޓެކްސީއަކަށް ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.