ރާއްޖޭގެ މެދު ތެރޭގެ އަތޮޅުކަަށް މޫސުން ގޯސްވެ ރީނދޫ އިންޒާރު ނެރެފިއެވެ.

މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާ މެޓް އިން ނެރުނު އިންޒާރުގައި ބުނެފައި ވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި،އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

މެޓް އިން އިންޒާރު ނެރެފައި ވަނީ، ބ. އަތޮޅުން ފެށިގެން ދ އަތޮޅުގެ ރަށްތަކަށެވެ.

ފުލުހުން ވިދާޅުވީ، މޫސުން ގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން ދަތުރު ކުރުމަށް މިހާރު ރައްކާތެރި ނޫން ކަމަށެވެ. އަދި މެޓް އޮފީހުން ރީނދޫ އިންޒާރު ނެރެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުވުއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މެލާއި 50 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

އަދި ކަނޑުތައްވެސް އާއްމު ގޮތެއްގައިވެސް ގަދަވާނެ ކަމަށް މެޓް އިން ވިދާޅުވިއެވެ.

އވައި ގަދަވެ ކަނޑުތަކަށް ގަދަވާނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.