މޫސުން ގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން ކަނޑުދަތުރު ކުރުން ރައްކާތެރިއެއް ނޫންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު އިރުއޮއްސުނު ފަހުން ކުރި ޓްވީޓެއްގައި މިގޮތަށް ވިދާޅުވިއިރު، މެޓް އޮފީހުން ރީނދޫ އިންޒާރު ނެރެފައި ވާތީ ރައްކާތެރި ފިޔަވަޅު އެޅުމަށް އެދޭ ކަމަށެވެ.

މެޓް އޮފީހުން ވަނީ އީނދޫ އިންޒާރު ބ. އަތޮޅުން ފެށިގެން ދ އަތޮޅުގެ ރަށްތަކަށް ނެރެފައެވެ.

ފުލުހުން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ގަދަ ވަޔާއެކު ގުގުރައި ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދައިގެން ދަތުރު ކުރަން އިލްތިމާސް ކުރާ ކަމަށެވެ.

އަދި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީން ކުރުމަށް އެދިފައި ވެއެވެ.

ފުލުހުން ވިދާޅުވީ، މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރެއްވުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ.

އޭގެ އިތުރުން، މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަޤީންކުރެއްވުމަށްފަހު ނޫނީ ދަތުރު ނުފެއްޓުމަށް ފުލުހުން ނަސޭހަތްތެރިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަނޭ

    ކޮބާތަ ކޯސްޓުގާޑު.. ހުދު ފޮށާއަޅާަފަ ބޮޑުމުސާރަނަގާފަ ހައްޕުކިޔާގެންދޯ ތިބީ؟ ޕޮލިސް މާ އެކްޓިވް މިހާރު .

    7
    4