ފިނޮޅަކަށް ދަތުރު ގޮސް ތިއްބާ ހާލުގައި ޖެހުނު 12 މީހަކު ފުލުހުން ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނެފައި ވަނީ އދ ދަނގެތި ބޮޑު ފިނޮޅަށް ދަތުރު ގޮސް އުޅުނު ބަޔަކު، މޫސުން ގޯސްވެ ހާލުގައި ޖެހިގެން ދަނގެތީ ޕޮލިހަށް މައުލޫމާތު ލިބުމާއެކު ރަށުގައި އޮތް ދޯންޏެއްގައި އެރަށަށް ގޮސްފައިވާ ކަމަށެވެ. އަދި ފިނޮޅަށް ދަތުރު ގޮސް ތިބި ހަތް އަންހެނުންނާއި ހަތަރު ފިރިހެނުން އަދި ހަ މަހުގެ ތުއްތު ކުއްޖަކުވެސް ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މީހުން ދަނގެއްޗަށް ގެންގޮސްފައި ވަނީ މިއަދު އިރުއޮއްސި، 18:55 ކަން ހާއިރުއެވެ.

ފުލުހުން މިއަދު އިރުއޮއްސުނު ފަހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދަތުރުކުރަން ރައްކާތެރި ނޫން ކަމަށެވެ. އޭގެ އިތުރުން ފުލުހުން ބުނެފައި ވަނީ މެޓް އޮފީހުން ރީނދޫ އިންޒާރު ނެރެފައި ވާތީ ރައްކާތެރި ފިޔަވަޅު އެޅުމަށް އެދޭ ކަމަށެވެ.

މެޓް އޮފީހުން ވަނީ އީނދޫ އިންޒާރު ބ. އަތޮޅުން ފެށިގެން ދ އަތޮޅުގެ ރަށްތަކަށް ނެރެފައެވެ.

ފުލުހުން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ގަދަ ވަޔާއެކު ގުގުރައި ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދައިގެން ދަތުރު ކުރަން އިލްތިމާސް ކުރާ ކަމަށެވެ.