މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީންގެ ތެރެއިން ތިން ހައްޖުވެރިޔަކު ގެއްލިގެން މިއަދު ހޯދާފައިވާ ކަމަށް ހައްޖު މިޝަންއިން ބުނެފިއެވެ.

ހައްޖާޖީންގެ އެންމެފަހުގެ މައުލޫމާތު ގެނެސްދޭ ހައްޖު މިޝަންއިން ބުނެފައި ވަނީ ހައްޖު ކޯޕަރޭޝަންގެ ތިން ހައްޖުވެރިން ފިޔަވާ ދިވެހި ހުރިހާ ހައްޖުވެރިން މިއަދު ބޮޑު ޖަމްރާއަށް ހިލަ އުކާފައިވާ ކަމަށެވެ. އެ ތިން ޖައްހުވެރިން ގެއްލިފައިވާކަން މިޝަންއަށް އެނގުމާއެކު ކުރެވުނު މަސައްކަތުން ހޯދާފައިވާކަމަށްވެސް ބުނެފައި ވެއެވެ.

އިއްޔެއަކީ އަރަފާތު ދުވަސް ކަމަށްވާއިރު، އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވެފައި ވަނީ ހައްޖާޖީންނަށް އަރަފާތަށް ދެވިފައިވާ ކަމަށާއި، ހާލުވެސް ރަނގަޅު ކަމަށެވެ.

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ މުސްލިމުން މައްކާއަށް ޖަމާވެފައިވާ ކަމަށް ސައުދީ އަރަބިޔާ އިން ވަނީ ބުނެފައެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކަކީ ތަޒްކިއާ ޕްރައިވެޓް ލިމިޓެޑާއި، ޒައިމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި، މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލްހަރަމައިން ހައްޖު އެންޑް ޕްރައިވެޓް ލިމިޓެޑެވެ.