މުޅި ރާއްޖެއަށް މޫސުން ގޯސްވުމާއި ގުޅިގެން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު އިންޒާރު ނެރެފިއެވެ.

މެޓް އިން ނެރުނު އިންޒާރުގައި ބުނެފައި ވަނީ، މުޅި ރާެއްޖެއަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ.

އަދި އާއްމުކޮށް ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށާއި، ވިލާގަނޑުގައި ގަޑިއަކު 55 މޭލު ބާރުމިނުގައި ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ނެރުނު ހުދު އިންޒާރުގައި ވެއެެވެ.

މެޓް އޮފީހުން ނެރުނު ހުދު އިންޒާރުގެ މުއްދަތު ހަމަވާނީ މިރޭ 2:30 އަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ކަނޑުތައްވެސް އާއްމު ގޮތެއްގައިވެސް ގަދަވާނެ ކަމަށެވެ.

އަދި ވައި ގަދަވެ ކަނޑުތަކަށް ގަދަވާނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.