ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މޫސުން ގޯސްވުމާއި ގުޅިގެން، އިމަޖެންސީގައި ޖެއްސި ފްލައިޓަކުން ދަތުރުކުރި ފަސެންޖަރުންނަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި މޫސުން ގޯސްވުމާއި ގުޅިގެން އިމަޖެންސީގައި ޖައްސާފައި ވަނީ ށ. އަތޮޅުގެ ރިސޯޓަކުން މާލެއަށް ދަތުރުކުރި ޓީއެމްއޭގެ ސީޕްލޭނެއް ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު އެ ފްލައިޓުގައި 18 ފަސެންޖަރުން ތިބިއިރު އޭގެތެރޭގައި ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ތިބި ކަމަށް މަޢުލޫމާތު ލިބެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން މި ފްލައިޓް އިމަޖެންސީގައި ޖައްސާފައި ވަނީ ކ. ހުރާ ކައިރިޔަށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއި ގުޅިގެން ވަގުތުން ސިފައިން ހަރަކާތްތެރިވާން ފަށާފައިވާއިރު، ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯސްޓްގާޑު ސީއެމްބިއުލަންސް ވަނީ އެ ސަރަޙައްދަށް ދަތުރުކޮށްފައެވެ.

މި ހާދިސާގައި ހާލުގައި ޖެހުނު ފަސެންޖަރުން މިހާރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންގޮސްދީފައެވެ. އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ ފަސެންޖަރުން އެއާޕޯޓަށް ގެންގޮސްދީފައި ވަނީ މިރޭ 22:15 ހާއިރުއެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކުރެއްވި ޓިވީޓެއްގައި ވަނީ ދަތުރުކުރާ ފަރާތްތަކުން މި ދުވަސްވަރު މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ ވިއްސާރަވަމުން ދާއިރު، ކުރިޔަށް އޮތް ވަގުތުތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށް ވަނީ ބެލެވިފައެވެ. މި ދުވަސްވަރަކީ އީދު ޗުއްޓީ އާއި ދިމާކޮށް ގިނަ ބަޔަކު ކަނޑު ދަތުރުފަތުރު ކުރާ ދުވަސްވަރަކަށް ވުމުން، އެފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދުމޭ

    ޖެއްސީ ސީޕްލޭނެއްތޯ؟ ސީޕްލޭނެއް އެހާ ލަހުން ދަތުރު ކުރޭބާ؟ ނުކުރާނެ. ގޯހެއް އެބައުޅޭ. ކިޔާތީއިވޭ ޗީފްގެ ދެސްޓުހައުސްގަ ތިބި ގެސްޓުން މާލެނުގެވިގެން ގެނައީއޭ ކިޔާތީވެސް

    4
    4
    • ޙެހ

      ވާނުވާ ގަމާރުން މިއުޅެނީ މުޅިން