އާދީއްތަ ވިލޭރޭ 20:00 އިން ފެށިގެން ހޯމަ ވިލޭރޭ 20:00 އާއި ހަމައަށް އައްޑޫ ސިޓީ ގަމަށް 114 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ މޫސުމާއި ބެހޭ ތަފާސް ހިސާބުތައް އާއްމުކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އާއްމުކުރި ބަޔާނެއްގައި ވިދާޅުވީ އާދީއްތަ ދުވަހާއި ހޯމަ ދުވަހު އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ސިޓީ ގަމަށް ކަމަށެވެ. ދެވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނީ ފުވައްމުލަކަށެވެ. އެރަށަށް 95 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ތިން ވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނީ ވ.އަތޮޅު ރަކީދޫ އަށެވެ. އެރަށަށް 69 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

24 ގަޑިއިރު ތެރޭގައި އެންމެ ބާރަށް ވައި ޖެހުނު ކަމަށް ރެކޯޑް ކުރެވިފައި ވަނީ ގދ.ކާޑެއްދޫ އަށެވެ. އެރަށަށް 55 މޭލު ބާރުމިނުގައި ވައި ޖެހިފައިވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މެލާއި 50 މޭލަށް ވައި ގަދަވުން ވެސް އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް އާންމު ގޮތެއްގައި ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެއެވެ.

ވައި ގަދަވެ ކަނޑުތަކަށް ގަދަވާނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއް ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

އިއްޔެ ރެއިން ފެށިގެން ވަރަށް ބޮޑަށް މޫސުމް ގޯސްވެ ބައެއް ރަށްރަށަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    އަހަރެން ދަންނަ ގޮތުގައި ދިޔާއެއްޗެތި މިންކުރަނީ ލިޓަރުން(މިލިލިޓަރ) ދިޔާއެއްޗެއް މީޓަރުން މިންކުރަންޏާ މިންކުރަނީ ކޮޑިމީޓަރުން. މީގެ މިސާލަކީ އެއްކޮޑި މީޓަރުގެ ފެނުގައި ހުންނާނީ 1000ލިޓަރފެން.