ސިއްހީ ބޮޑު މައްސަލައެއް ހުރުމުން ވިސާ އިތުރުކޮށް ނުދީ އޮސްޓްރޭލިއާ އިން ޑީޕޯޓް ކޮށްލަން އުޅޭ ތިން އަހަރުގެ ދިވެހި ފިރިހެން ކުއްޖާގެ އާއިލާ އަށް އެހީތެރިވުމުގެ މަސައްކަތް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ އަދި މިހާރު އދ.ގެ ދީނީ މިނިވަންކަމާއި ގަބޫލުކުރުންތަކާއި ބެހޭ މަންދޫބު ޑރ.އަހުމަދު ޝަހީދު ފަށައިފިއެވެ.

ޝަހީދު ކުރި ޓްވީޓެއްގައި ވަނީ އެ އާއިލާގެ ޤާނޫނީ ވަކީލާއި ގުޅޭނެ ނަމްބަރެއް އެނގިވަޑައިގަންނަވާ ބޭފުޅަކު ހުރި ނަމަ އޭނާ އާއި އީމެއިލް ކޮށްދިނުމަށް އެދިފައެވެ.

ޝަހީދުގެ ޓްވީޓްގައި ރައީސް ޞާލިހް، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ފޮރިން ސެކްޓްރީ އަބްދުލްޣަފޫރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ޤާނޫނީ ވަކީލް ހުސްނުއްސުއޫދު އަދި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން ޓެގް ކުރުމަށް ފަހު ވިދާޅުވީ މި އާއިލާއަށް ސަރުކާރުގެ އެހީ ލިބޭ ކަމަށް ހީކުރާ ކަމަށެވެ.

ޝަހީދުގެ އިތުރު ޓްވީޓެއްގައި ވިދާޅުވީ މި އާއިލާ ޑީޕޯޓް ނުކުރުމަށް އެދި ސަރުކާރު މަސައްކަތް ކުރެއްވުމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ހިތްވަރު ދެއްވަމުން ގެންދަވާފައިވާ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އާއިލާ އާއި އެކު އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނަ ކައިބާން ޖަމްޝާދަކީ ހީމޯފީލިއާގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތަކަކާއި ވިހެއުމުގައި ވެސް ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާ ކުއްޖެކެވެ. އޮސްޓްރޭލިއާއަށް އުފަން ކައިބާންއަށް ވިސާ ނުދީ ޑިޕޯޓް ކުރަނީ އޮސްޓްރޭލިއާގެ ސަރުކާރުގެ ޚަރަދުގައި ކައިބާންއަށް ބޭސްފަރުވާ ކުރާނަމަ ބޮޑު ޚަރަދެއް އެ ގައުމުން ކުރަން ޖެހޭ ކަމެއް ބުނެއެވެ. ނަމަވެސް އޭނާގެ އާއިލާ އިން ބުނާ ގޮތުގައި ކައިބާން އަށް މިހާތަނަށް ވެސް ހުރިހާ ޚަރަދެއް ކުރަމުން އައީ އާއިލާ އިންނެވެ.

ކައިބާންގެ މަންމަ ޝިޒްލީން "އެސްބީއެސް" އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ދަރިފުޅު ރާއްޖެ ފޮނުވާލައިފިނަމަ އެކަށީގެންވާ ފަރުވާއެއް ނުދެވި ދަރިފުޅު މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ދަރިފުޅަށް އެކަށީގެންވާ ފަރުވާއެއް ރާއްޖެ އިން ނުދެވި، ދަރިފުޅު މަރުވުމުގެ ފުރުސަތު އެބައޮތް. އަދި އޭނާގެ 11 އަހަރުގެ ބޭބެ ހާލިލް އާއި ފަސް އަހަރުގެ ކާރާ އާއި ވަކިވާން ވެސް ޖެހޭނެ. އަހަރެމެންނަކަށް ނެތް އޭނާ ގައުމަށް ގެންދެވޭނެ ގޮތެއް. އެއީ އެކަށީގެންވާ ފަރުވާއެއް އަހަރެމެންގެ ގައުމުގައި ދެވެން ނެތުމުން." ޝިޒްލީން ބުންޏެވެ.

ކައިބާން އަށް މިހާރު ވެސް ކޮންމެ ހަފްތާއަކު ބާންބެރީ ހޮސްޕިޓަލުން ޕްރޮފިޒިސް ފަރުވާ ދޭން ޖެހެއެވެ. އަދި ޕާތް ޗިލްޑްރެންސް ހޮސްޕިޓަލުން ކޮންމެ ދުވަހަކު ދެފަހަރަށް ފިޓް ޖެހުމަށް ފަރުވާ ހޯދަން ޖެހެއެވެ.

ކައިބާން އަށް ވިސާ ނުދޭން އޮސްޓްރޭލިއާ އިން ނިންމި މައްސަލަ މިހާރު ވަނީ އިސްތިއުނާފު ކޮށްފައެވެ. އެމައްސަލައިގައި މިމަހުގެ 10 ވަނަ ދުވަހު ގޮތެއް ނިންމަން ކުރިން ތާވަލް ކުރި ނަމަވެސް މިހާރު އެމައްސަލަ ތާވަލް ކޮށްފައި ވަނީ މިމަހުގެ 29 ވަނަ ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެހެނަސް

    އެހަން ޤައުމުތަކުގެ ގަވައިދުތަކާއި ޤާނޫނައް އިޙްރިރާމް ކުރަންފެނޭ. ކައިބާން ބޭބީއަށް ފަރުވާ ދެވޭއެހެން ގައުމަކައް ބަދަލުވުން ރަނގަޅު

    10
    1
  2. ވޮއިސް އޮފް ހުވަދޫ

    ﷲގެ ދީން އިސްލާމް ދީނާއި ، އެހެން ދީން ތަކާއި އެއްހަމަ ކުރަން ގޮވާލާ މުނާފިގަކަށް ، ﷲ ހެއްދެވި މަޚްލޫގަކަށް ކޮއްދެވޭނެ އެއްވެސް ކަމެއް ނޮއޮންނާނެ. ކާޅު ހާއްޔަށް ކޮވެލި ބިސް އަޅާހެން ، އިސްލާމުންގެ ބަނޑުން ، ފިރުއައުނުން ފަދަ މާރިދުން ވެސް އުފަންވޭ ، ޔާ ﷲ ކައިބާން އަށް އަވަސް ޝިފާއެއް ދެއްވާށި ، މުނާފިގުންގެ ކިބައިން މި ދިވެހިދަރި ސަލާމަތް ކުރައް ވާށި ، އާމީން