މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ފިލާ ގަނޑަކުން ޖެހި ކާރަކަށް ގެއްލުންވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ކޯރުކެނޑިމަގު ރައުންޑްވަން ބުކްޝޮޕް ކައިރީ ހަދަމުންދިޔަ އިމާރާތެއްގެ މަތިން ލަކުޑިބުރިއެއް ވެއްޓިފައިވަނީ ވައިގަދަވުމުގެ ސަބަބުން ކަމަށެވެ.

އެ ފިލާގަނޑުގެ ދިގުމިނުގައި ހަފޫޓް އަދި ފުޅާމިނުގައި ފޫޓެއް ހުރި އެ ފިލާގަނޑުން ޖެހި ކާރެއްގެ ފަހަތު ބަފަރު ހަލާކުވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވާއިރު، އިމާރާތްތަކުން އެއްޗެހި ވެއްޓުން މިވަނީ މާލޭގައި އާންމު ކަމަކަށް ވެފައެވެ. މިދިޔަ އަހަރުގެ ފަހު ކޮޅުގައި ސިމެންތި ބަސްތާއަކުން ވެއްޓި، ބަންގްލަދޭޝްގެ ކުޑަކުއްޖެއަށް ކަމަށްވާ ރައުޝަން ޖިއާން ނިޔާވިއިރު، އޭގެ އިތުުރުންވެސް ބައެއް ހާދިސާތައް ހިނގާފައިވެއެވެ.