ރޭ ފަތިހުން ފެށިގެން ހުއްޓާނުލައި ޅ.ނައިފަރަށް ވާރޭވެހި ރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެއްޖެއެވެ.

ފަސް ގަޑިއެއްހާއިރު ވަންދެން ހުއްޓާނުލާ ބޯކޮށް ވާރޭ ވެހުނު ސަބަބުން ނައިފަރުގެ ހަތަރު ގެއަކަށް ފެން ވަދެ ގެއްލުންތައް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނައިފަރުގައި ބޮޑުވެފައިވާ ފެން ހިންދާ، ގެތަކަށް އިތުރަށް ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގެންދަނީ ކުރަމުންނެވެ.

މިދުވަސްކޮޅު މޫސުން ގޯސްވެ، ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވެސް އަންނަނީ ހިނގަމުން އެވެ. އަދި އާންމުންގެ މުދަލާއި ގެދޮރަށް ވެސް ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުން އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 55 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ފާއިތުވި ހަތަރު ވަރަކަށް ދުވަހު ވެސް ރާއްޖޭގެ ގިނަ ރަށްރަށަށް ވަނީ ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހިފައެވެ.