މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ދުވަސް ވަރަކަށް ވެފައި، އަދި މޫސުމާއި ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތައް އައްނަނީ ހިނގަމުންނެވެ.

"ގިނަ އަދަދެއްގެ އުޅަނދު ފަހަރު ފަރަށް އެރުމާއި، އުޅަނދު ފަހަރު ދިޔަވެ އަޑިއަށް ދިއުމާއި އަދި ނަގިލި ކަހައިލައިގެން އުޅަނދު ފަހަރު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ )އެމްއާރުސީސީ( އަށް ދަނީ ރިޕޯޓުތައް ލިބެމުންނެވެ." އެމްއެންޑީއެފްގެ ވެބްސައިޓްގައި ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށާއި ދަތުރު ކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް ފުރުމުގެ ކުރިން ދަތުރާއިބެހޭ މަޢުލޫމާތު އެންގުމަށް ދަންނަވާ ކަމަށެވެ.

އަދި އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި ވަކިން ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ރޭގަނޑު ދަތުރު ކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުކަންދެއްވުމަށް ދަންނަވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާއިދު ތަކަށް އަމަލްކުރުމަށާއި އަދި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ދަންނަވަމެވެ. މީގެއިތުރުން ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑި ދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދެއްވުމަށް ވެސް އެމްއެންޑީއެފް އިން އެދިވަޑައިގަންނަވައެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފް އިން ވަނީ އެދިވަޑައިގެންފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.